ރަސްމާލެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އެއްވެސް ބިމަކުން ނުވަތަ އިމާރާތަކުން، އިސްރާއީލުގެ އެއްވެސް ރައްޔިތަކަށް އަދި އިސްރާއީލުގެ ކޮންޓްރޯލް އޮންނަ އެއްވެސް ކުންފުންޏަކަށް ފުރުސަތު ނުދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ދެއްވައިފިއެވެ.
މިނިސްޓަރު ލިންކްޑްއިންގައި ޝާއިއުކުރެއްވި ލިޔުމެއްގައި ވިދާޅުވީ، ރަސްމާލެ މަޝްރޫޢާ ގުޅިގެން އާންމުންގެ މެދުގައި އޮތް ކަންބޮޑުވުންތަކަކީ ހަމައެކަނި އެ ތަނުގެ އަގު ނުވަތަ ކުއްޔަށް ދޫކުރާ އުސޫލުތަކާ ގުޅޭ ކަންކަން އެކަނި ނޫން ކަމަށާއި، އެއީ ފަލަސްތީނުގެ މައްސަލައާ ވެސް ގުޅިފައިވާ ކަންބޮޑުވުންތަކެއް ކަމަށެވެ.
އެގޮތުން މި މަޝްރޫޢުގެ އެއްވެސް މަރުހަލާއެއްގައި މުދާ ގަންނަ ފަރާތެއްގެ ގޮތުގައި، މަންފާލިބޭ ވެރިއެއްގެ ގޮތުގައި، ހިއްސާދާރެއްގެ ގޮތުގައި، ފައިސާ ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ނުވަތަ ސޭލްސް އޭޖެންޓެއްގެ ގޮތުގައި ވެސް އިސްރާއީލުގެ އެއްވެސް ހިއްސާއެއް އޮވެގެން ބައިވެރިނުވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، ރަސްމާލެ މަޝްރޫޢުގެ ސަބަބުން ޔަހޫދީން ރާއްޖެއަށް އައިސް ވަޒަންވެރިވެދާނެ ކަމަށް ބުނެ ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ބިރުވެރިކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ދުނިޔޭގެ އެއްވެސް ތަނެއްގައި ޗުއްޓީ ހޭދަކުރާނެ ގެތަކެއް ނުވަތަ ކުއްޔަށް ހިފާ ބިންތަކެއް މެދުވެރިކޮށް އެފަދަ އިސްތިއުމާރީ ހަރަކާތެއް ހިންގާފައި ނުވާ ކަމަށާއި، ޔަހޫދީންގެ ވަޒަންވެރިކުރުވުމުގެ ސިޔާސަތު ބިނާވެފައިވަނީ އެހެން ގައުމުތަކުގައި ތިބި މީހުން އިސްރާއީލަށް ގެންދިއުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި 2025 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން މި ސަރުކާރުން އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި، ބިމުގެ މުއާމަލާތެއްގެ ތެރެއިން ސިއްރިއްޔާތުގައި އެ އުސޫލާ ޚިލާފުވާނެ ކަމަށް ދެކުމަކީ ބުއްދި ޤަބޫލުކުރާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަސްމާލެއިން މުދާ ގަންނަ ކޮންމެ ފަރާތަކުންނާއި އޭގެ މަންފާލިބޭ ވެރިން، އެމީހުންގެ އަތުގައި މިހާރު އޮތް އަދި ކުރިން އޮތް ހުރިހާ ގައުމެއްގެ ރައްޔިތުކަން ވެސް ހާމަކުރަންޖެހޭނެ ކަމަށެވެ. އެ މައުލޫމާތުތަކުގައި ދޮގެއް ހަދައިފިނަމަ ކުލީގެ އެއްބަސްވުން ބާތިލުވެ، މުދަލާއި ދެއްކި ފައިސާ ދައުލަތަށް ނެގޭނެ ކަމަށާއި، މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ވެސް މި ބެލުންތައް ބަލާނެ ކަމަށް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތެރެއިން ރެސިޑެންސީ ދޫކުރާނީ މިހާރުވެސް އޮތް ކޯޕަރޭޓް ރެސިޑެންސް ވިސާގެ ދަށުން ކަމަށާއި، ހުށަހަޅާ ކޮންމެ އެޕްލިކޭޝަނެއް ވެސް ސްކްރީން ކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެއްވެސް ފަރާތަކަށް ދާއިމީކޮށް (ފްރީހޯލްޑް) ބިން މިލްކުކުރުމުގެ ނުވަތަ ބޭނުންހާ އިރަކު މުއްދަތު އައުކުރުމުގެ އިޚުތިޔާރެއް ނޯންނާނެ ކަމަށާއި، މި މަޝްރޫޢު ހިންގާ އީގަލް ހިލްސް ކުންފުނިން ވެސް ރާއްޖޭގެ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބާނެ ކަމުގެ ޔަޤީންކަން ދީފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.



