ތިލަމާލެ ބުރިޖު މަޝްރޫޢުގެ ދަށުން ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.
މާލެ ސަރަޙައްދުގައި މިވަގުތު ކުރިއަށްދާ އެންމެ ބޮޑު އެއް މަސައްކަތަކީ ތިލަމާލެ ބުރިޖު ތަރައްޤިކުރުމުގެ މަޝްރޫޢުއެވެ. މުޅި މި މަޝްރޫޢުގައި 6.7 ކިލޯމީޓަރު ތަރައްޤީކުރެއެވެ. އެއީ ކަނޑު ހުރަސްކޮށް ހަދާ 3 ބުރިޖާއި، ގުޅާލާ ރަށްތަށް ހުރަސްކޮށް ހަދާ ހައިވޭ މަގުތަކެވެ.
މި މަޝްރޫޢުގެ ދަށުން މާލެއިން ވިލިމާލެއަށް ގުޅާލުމުގެ މަސައްކަތް އޮގަސްޓްމަހުގެ ފަހު ހަފްތާގައި ވަނީ ނިންމާފައެވެ.
މިހާރު ކުރަމުންދަނީ ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތެވެ. މިކަމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ދައުލަތުގެ މީޑިއާއަށް މައުލޫމާތު ޙިއްސާކުރައްވަމުން ވިދާޅުވީ ވިލިމާލެއިން ގުޅިފަޅަށް ގުޅާލުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް ނިންމުމަކީ މިހާރުގެ އަމާޒުކަމަށެވެ.
އެމަގުން މަސައްކަތްތައް ވަރަށް ބާރަށް ދަނީ ކުރިއަށްގެންދަމުންނެވެ. މިހާރު ގުޅާނުލެވި ވަނީ އެއް ސެގްމަންޓްގެ މަސައްކަތްތަކެވެ. ބުރިޖުގެ ތަނބުތައް އެއްތަނބާއި އަނެއްތަނބު ގުޅާލާ ސެގްމަންޓަކީ، ގުޅިފަޅުގެ ސައިޓްގައި ޕްރީ ފެބްރިކޭޓްކޮށް ގެނެސް ގުޅާލާ ބައިތަކެކެވެ.
ވިލިމާލެއިން ގުޅިފަޅަށް ހިމެނޭ ބުރިޖަކީ ގާތްގަނޑަކަށް 750 މީޓަރުގެ ދިގުމިނުގެ ބުރިޖެކެވެ. އެ ބުރިޖު ތިލަފުއްޓާ ގުޅޭނީ 2.5 ކިލޯމީޓަރުގެ ހައިވޭއަކަށްފަހުއެވެ.
ގުޅިފަޅުން ތިލަފުއްޓަށް ހަދާ ބުރިޖަކީ ގާތްގަނޑަކަށް 600 މީޓަރުގެ ބުރިޖެކެވެ.



