މިދިޔަ ހަފުތާގައި ހިމަބިހީގެ އިތުރު އެއް ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުން ދައްކައިފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު އެއް ކޭސް ވަނީ ފެނިފައެވެ.
އެހެންކަމުން މިއަހަރުގެ މިހާތަނަށް 287 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އޭގެ ކުރީ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހިޖެހިގެން ރިޕޯޓުކޮށްފައި ވަނީ ދެ ކޭސްއެކެވެ.
ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މި އަހަރު މިހާތަނަށް 16،503 މީހުން ޖަހާފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުގައިވެއެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލައިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅައިފައިވަނިކޮށް، މި އަހަރުގެ މެއި މަހުގެ ތެރޭ ހިމަބިހި ފެތުރެން ފެށިއެވެ. އޭރު ކޮންމެ ހަފުތާއެކު ގިނަ އަދަދެއްގެ ކޭސްތައް ފެނުނު ނަމަވެސް، މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.


