ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.
މި ދުވަސްވަރަކީ އެލްނީނޯގެ ދުވަސްވަރަކަށްވުމާއެކު، ކުއްލިއަކަށް މޫސުން ގޯސްވެ ވިއްސާރަވާ މިންވަރު ވަނީ އިތުރުވެފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވެ ދަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން މިއަދު އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފަވަނީ، ރާއްޖޭގެ ދެކުނަށެވެ.
މެޓް އޮފީހުން ބުނި ގޮތުގައި ވައިގެ ބާރުމިން ހުންނާނީ، 5 މޭލާއި 15 މޭލާ ދެމެދުގައެވެ. ނަމަވެސް އެ އިދާރާއިން އަންދާޒާކޮށްފައިވަނީ، ކަނޑުތައް މަޑުވާނެ ކަމަށެވެ.
މިދުވަސްތަކުގައި ވިސިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރުވެސް ދަށެވެ. އެގޮތުން އާއްމުގޮތެއްގައި 9 ކިލޯ މީޓަރުގައި ހުންނައިރު މިވަގުތު ދުރު ފެންނަ މިންވަރު ހުރީ 7 ކިލޯމީޓަރުގައި ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.



