ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް، ބޭރުގެ އެއްވެސް ބާރަކަށް ނުދެއްވާނެ ކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދީފިއެވެ.
ސަރުކާރުގެ ފަރާތުން މި ޔަޤީންކަންދިނީ ރައީސް އޮފީހުން ދާދި ދެންމެއަކު ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައި އެއްވެސް ހާލެއްގައި އެފަދަ ކަމެއް ސަރުކާރުން ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސަރަޙައްދާއި ދިވެހި ދައުލަތުގެ ސިޔާދަތަކީ އޭގެމައްޗަށް ރާއްޖޭގެ މިނިވަންކަން ބަރޯސާވާ އަދި ބަދަލުނުކުރެވޭނެ، ދިވެހިދައުލަތާއި ދިވެހިރައްޔިތުންގެ ޙައްޤެއް ކަމަށެވެ. އަދި ރާއްޖޭގެ ސަރަޙައްދުގައި ހިމެނޭ ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކާއި ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދު ހިމެނޭގޮތުން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގެ ފުރިހަމަ ބާރާއި ޒިންމާއަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދިވެހިދައުލަތާ ޙަވާލުކޮށްފައިވާ ޒިންމާއެއް ކަމަށާއި އެ ހުދޫދުގެ ތެރެއިން، ރާއްޖޭގެ ސަރަޙައްދު ބަލަހައްޓައި ޤައުމުގެ މިނިވަންކަމާއި ދިވެހިދައުލަތުގެ ސިޔާދަތު ރައްކާތެރިކުރުމަކީ ދިވެހިން ވަރަށް ފަޚުރުވެރިކަމާއެކު ކޮށްފައިވާ އަދި ކުރަމުންގެންދާ ކަމެއްކަން ތާރީޚުން ހެކިދޭ ކަމަށްވެސް ބުންޏެވެ.
ދުނިޔޭގެ ޖޯގުރަފީއަށް އިޝާރާތް ކުރައްވަމުން ސަރުކާރުން ބުނީ ރާއްޖެއަކީ އިސްތިރާޖީގޮތުން ވަރަށް މުހިންމު ތަނެއްގައި ލައްވާފައިވާ ޤައުމެއް ކަމަށާއި ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ހުރި ބައިނަލްއަޤްވާމީ ވިޔަފާރީގެ ކަނޑުއޮޅިތަކަކީ ދުނިޔޭގެ ތެލުގެ ވިޔަފާރިއާއި އާންމު ވިޔަފާރީގެ ވަރަށް ބޮޑު އިންސައްތައެއް، ދުނިޔޭގެ އެއް ބައްރުން އަނެއް ބައްރަށް ދަތުރުކުރުމަށް ބޭނުންކުރާ މުހިންމު ކަނޑުއޮޅިތަކެއް ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ސަރަޙައްދު އަމާންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ފަހިކޮށްދޭ ދިނުމަކީ ދުނިޔޭގެ ތެލުގެ އަދި އެހެނިހެން ވިޔަފާރިތަކަށް ރާއްޖެއިން ޒަމާނުއްސުރެ ކޮށްދޭ އަގުހުރި ޚިދުމަތެއް ކަމަށާއި އެމޭރުމުން ދުނިޔެއާއި ސަރަޙައްދުގެ ހަމަޖެހުމަށާއި އަމާންކަމަށް ރާއްޖެއިން ކޮށްދޭ ވަރަށް މުހިންމު ޚިދުމަތެއް ކަމަށްވެސް ބުންޏެވެ.
ރާއްޖޭގެ ސަރަޙައްދާއި ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ ފަރާތްތަކާ ޙަވާލުނުކުރުމަކީ ރާއްޖޭގެ މިނިވަންކަމާއި ދިވެހި ދައުލަތުގެ ސިޔާދަތު ޙިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ގެންގުޅޭ އެންމެ މުހިންމު އެއް ސިޔާސަތުކަމަށްވެސް ސަރުކާރުން ބުންޏެވެ. މި ސިޔާސަތަކީ ސަރަޙައްދުގެ ހަމަޖެހުމާއި ދުނިޔޭގެ ވިޔަފާރީގެ މުޢާމަލާތުތަކަށް ފަހި ވެއްޓެއް ޤާއިމުކޮށްދިނުމަށް ރާއްޖެއިން ގެންގުޅޭ މުހިންމު ސިޔާސަތެއްކަންވެސް ފާހަގަކުރިއެވެ.



