ދެކުނުގެ ރަށްރަށުގެ އަދަބީ މުބާރާތްތަކުގައި ބަހުރުވައަށް އިސްކަން ދިނުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެދިވަޑައިގެންފިއެވެ.
މިނިސްޓަރު އެ ކަމަށް އެދިވަޑައިގަތީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޖަމިއްޔާ (އެމްއެންޔޫއެސްޔޫ) އިން އިސްނަގައިގެން އައްޑޫ، ހުވަދޫ އަދި ފުވައްމުލަކުގެ ސްކޫލުތަކާއި މުއައްސަސާތަކަށް ހާއްސަ ކޮށްގެން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތާއި ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ.
މިދިޔަ ހޯމަދުވަހު ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި، ދެއްކެވި ވާހަކަައިގައި މިނިސްޓަރު ވަނީ ދިވެހި ބަސް ކުރިއެރުވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައިފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަފީފު ވިދާޅުވީ އައްޑޫ، ހުވަދޫ އަދި ފުވައްމުލަކު ބަހުރުވައިން ލިޔެފައިވާ ލިޔުންތައް އިތުރުކުރަން ޖެހޭ ކަމަށާއި އެއީ ރާއްޖޭގެ އާދަކާދަތަކާއި ސަގާފަތާއި ތަރިކަ ހިމާޔަތްކުރުމުގެ ބައެއް ކަމަށެވެ.
އެ ތިން ބަސްތަކުން މުއާމަލާތްކުރަން ދަންނަ ޓީޗަރުން ތިބެން ޖެހޭނެ ކަމަށާއި މުއައްސަސާތަކުގެ ތެރޭގައި ވެސް އެ ވިސްނުން ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ މުބާރާތް“ އަދި ”އައްޝައިހް ހުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ބަހުސް މުބާރާތް“ގެ ނަމުގައި އެމްއެންޔޫ އިން ބޭއްވި އެ މުބާރާތްތަކަކީ ދެކުނުގެ ދަރިވަރުންގެ ކިބައިގައި ވާހަކަ ދެއްކުމާއި ބަހުސް ކުރުމުގެ ހުނަރުތައް ކުރިއަރުވަން ބާއްވާ މުބާރާތްތަކެކެވެ.


