ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަކީ އިންސާނީ ވާޖިބެއްކަަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައްޒާގެ ދިފާއުގައި އެންމެން ތެދުވެ މަސައްކަތް ކުރުމަކީ އިންސާނީ ވާޖިބެއް ކަމަށާއި އެމީހުންގެ ރައްކާތެރިކަމަށްޓަކައި އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން އިސްރާއިލް މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށް ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ސަރުކާރުން ވަނީ މިހާރު ނިންމާފައެވެ. އަދި އެކަމަށް ހާއްސަ ކޮމިޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.
އެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާއި، ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްގެ އިތުރުން އެޓާނީ ޖެނެރަލް އަހްމަދު އުޝާމެވެ.



