ހ. މާދޫގޭގައި ހިންގާ އޮފީހެއްގައި ރައްކާކޮށް، މާލެތެރެއަށް ފުޅާދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކްގެ އިސް ދިވެހި މީހާ ކަމަށް ބެލެވޭ ފަރާތް ވެސް އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ފުލުހުން ހިންގި އޮޕަރޭޝަންގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް އަތުލައިގަތް ބަނގުރާ ފުޅިތަކުގެ މައްސަލައާ ގުޅުންހުރި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ތަހުގީގަށް މިހާތަނަށް ލިބުނު މައުލޫމާތުގެ އަލީގައި، މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ހ. ކަރޯގެ / މާލެ، މުޙައްމަދު ރަޝްވާން ޢައްބާސް (53އ)، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 އޮކްޓޯބަރ 14 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި އޮޕަރޭޝަންގައި، އެ ގެއާއި، ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް ޖުމުލަ 826 ފުޅި ބަނގުރާ އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާދޫގޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަންގައި ފުލުހުން މީގެ ކުރިން ވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ތިން ފިރިހެނުން ހައްޔަރު ކޮށްފައެވެ. އެނގިފައިވާ ގޮތުގައި އުމުރުން 53 އަހަރުގެ ރަޝްވާނަކީ މާދޫގޭގައި ބަނގުރާ ސްޓޮކް ރައްކާކޮށްފައި ހުރި އޮފީހުގެ މެނޭޖިން ޑިރެކްޓަރެވެ.




