ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރި، އިބްރާހީމް ނަޒީމް، އޭނާ ކުރިން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މިއަދު އައްޔަނުކޮށްފިއެވެ.
އާރްޑީސީން ނަޒީމް ވަކިކުރީ އެ ކުންފުނި އުވާލަން ނިންމާފައިވާތީވެއެވެ. އޭނާ މަގާމުން ވަކިކުރުމަށްފަހު ވަގުތީ ގޮތުން އެ ކުންފުނީގެ ހިންގުން ހަވާލުކޮށްފައި ވަނީ ކުރިއަށް އޮތް ތަނުގައި އެތަނުގެ މަސައްކަތް ބަދަލުކުރަން ހަމަޖެހިފައިވާ އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއާއެވެ.
ރާއްޖޭގެ ރަށްރަށުގެ މަގުތައް ތަރައްގީކުރުމުގެ މެންޑޭޓާއެކު މީގެ ހަ އަހަރު ކުރިން އުފެއްްދި އާރްޑީސީ އުވާލައި، މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
ނަޒީމް ސްޕޯޓްސް މިނިސޓްރީގައި މަސައްކަތްކުރެވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދައުރުގަވެ. ނަޒީމް ވަނީ 17 އަހަރު ވަންދެން އެ މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައެވެ.
މިހާރުވެސް ނަޒީމް އަންނަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބް ކަމަށްވާ ވިކްޓްރީގެ ނައިބް ރައީސްގެ ދައުރު އަދާކުރައްވަމުންނެވެ. އޭނާ އަކީ ދެކުނު އޭޝިއާގެ ފުރަތަމަ ބައިނަލްއަގްވާމީ ބީޗް ވޮލީބޯޅަ ރެފްރީކަންވެސް ފާހަގަކޮށްލެވެއެވެ. ބީޗް ވޮލީގެ ބައިނަލްއަގުވާމީ ރެފްރީ ކޯސް 1996 ވަނަ އަހަރު ފުރިހަމަކުރެްވުމަށްފަހު، ވޯލްޑް ޓުއާގެ ރެފްރީއެއްގެ ގޮތުގައި ނަޒީމް ފެނިފައިވެއެވެ.



