މި ހިނގާ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަވަށްޓެރި ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.
މިއީ ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އެ ޤައުމަށް ރާއްޖޭގެ ރައީސަކު އެންމެ ފަހުން ރަސްމީ ދަތުރުފުޅެއް ކުރެއްވީ 2015 ވަނަ އަހަރުގައެވެ. އެއީ އެއިރުގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.
ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރައީސް މުޢިއްޒު އެ ޤައުމަށް ދަތުރުފުޅު ކުރައްވަނީ މި މަހުގެ 20 އިން 22 އަށެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ އާއި ބޮޑު ވަޒީރު ޝެހްބާޒް ޝާރިފްއާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ. އެ ދެ ބޭފުޅުންނާ ރައީސް ބައްދަލުކުރައްވާނީ ވަކިވަކިން ކަމުގައިވެސް ރިޕޯޓުތަކުން ބުނެއެވެ.



