މިދިޔަ ޖުލައި މަސް ތެރޭ ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި ’ހޯކްސް ވޮޔޭޖް‘ ނަމަކަށް ކިޔާ ކޮޅުވެއްޓިން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް ’ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް މިއަދު އަރުވައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ، މިދިޔަ 31 ޖުލައިވީ ހުކުރު ދުވަހުގެ ހެނދުނު 8:50 އެހައިކަންހާއިރު އެވެ. މާލެއިން ފުރައިގެން ދަތުރުކުރަމުން ދަނިކޮށް، މި ކޮޅުވެއްޓި ކ. ގާފަރު ކައިރިއަށް ބަންޑުންޖަހާލުމާ ގުޅިގެން، އޭގައި ދަތުރުކުރި 10 މީހުން ކަނޑުވި އެވެ. އޭގެ ތެރެއިން ދެ ބިދޭސީއަކު ގެއްލުނުއިރު، ސަލަމާތްކުރެވުނީ 8 މީހުންނެެވެ.
ގެއްލުނު ދެ ބިދޭސީން ހޯދަން ކުރި މަސައްކަތުން މިހާތަނަށް އެ މީހުން ފެނިފައެއްނުވެއެވެ.
ގަދަ ކަނޑުގައި އެ މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވި ތިން ފުލުހަކު އެ ދުވަހު ކުރި ހިތްވަރުގަދަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން މި ރަން މެޑަލް އެރުވީ، ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި މެޑަލް ދިން ފުލުހުންނަކީ:
° ސީނިއާ ސާޖަންޓް އަހުމަދު އާމިރު
° ކޮންސްޓަބަލް މުހައްމަދު ލަހްފާން
° ކޮންސްޓަބަލް އަލީ ޒިދާން
މި ފުލުހުންނަށް މެޑަލް ހަވާލުކޮށްދެއްވުމަށް ފަހު، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވަނީ، މީހުން ސަލާމަތްކުރުމުގެ މި މަސައްކަތުގައި އޮފިސަރުން ދެއްކި ހިތްވަރަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.



