އިޒްރޭލު ފައުޖުތަކުން ރޭ ފަތިހު ފަލަޞްޠީނުގެ ގާޒާގެ ސްކޫލަކަށް ދިން ހަމަލާގައި 32 މީހުން ޝަހީދުވެއްޖެ އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، އިޒްރޭލުން ހަމަލާދީފައިވަނީ މެދުތެރޭ ގާޒާގެ ނުސައިރާތު ރެފިއުޖީ ކޭމްޕްގައި ހުންނަ އދ ހިންގަމުން އަންނަ ސްކޫލަކަށެވެ. އދ ގެ ރެފިއުޖީންނާއ ބެހޭ އޭޖެންސީ ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ބޯހިޔަލެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ މި ސްކޫލަށް އިޒްރޭލުގެ ފައުޖުތަކުން ދިން ހަމަލާތަކުގައި 32 މީހުން ޝަހީދުވެފައިވާއިރު މީގެތެރޭގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށް ފަލަޞްޠީނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ. މިހަމަލާގައި ގިނަ އަދަދެއްގެ މީހުން ޒަޚަމްވެފައިވާއިރު، އެ މީހުންނަށް ދީރް އަލް ބަލަހްގެ އަގްސާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
އިޒްރޭލުން ރޭފަތިހު ފައިޓަރ ޖެޓް ބޭނުކޮށްގެން ބޮމުގެ ހަމަލާތަކުގެ އިތުރުން މިސައިލް ގިނަ ހަމަލާތަކެއްދީ އެ ސްކޫލަށް ބޮޑެތި ގެއްލުންތައް ދީފައިވާއިރު، ހަމާސް ޖަމާއަތުން ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. ހަމާސްއިން ބުނީ މި ހަމަލާއަކީ އިޒްރޭލުން ހިންގި ”ބިރުވެރި ޤަތުލުއާންމެއް“ ކަމަށެވެ. އަދި، އިސްރާއީލު ސިފައިން މި ހަމަލާތައް ކުރިއަށް ގެންދިއުމަކީ ފަލަޞްޠީނުގެ އާންމުންނާއި ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާގެ ސާފު ހެއްކެއް ކަމަށްވެސް ހަމާސްއިން ބުނެފައި ވެއެވެ. މީގެ އިތުރުން ހަމާސްއިން ބުނެފައިވަނީ އިޒްރޭލާއި އެމެރިކާއިން މިކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެކަމަށެވެ.
މިހާތަނަށް އާއިރު އިޒްރޭލުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.




