މާލޭ ސިޓީ ކައުންސިލުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މުހިންމު 14 ބިމެއް ސަރުކާރަށް ނެގީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ސިޓީ ކައުންސިލުން ރޭގައި ނިންމައިފިއެވެ.
އާޓިފިޝަލް ބީޗު ހިމެނޭހެން ކައުންސިލުގެ ބެލުމުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނެގީ، ހައުސިން މިނިސްޓްރީއިން ކުރިން ބުނެފައިވާ ގޮތުގައި، މާލެ ސަރަހައްދުގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަސައްކަތް ކުރުމަށާއި އިންފްރާސްޓްރަކްޗާގެ ހިދުމަތް ދީ، އެކަން އިތުރަށް ތަރައްގީކޮށް ބެލެހެއްޓުމަށް މަޝްރޫއުތައް ހިންގުމަށެވެ.
އެކަމަކު އެއީ ގާނޫނުގެ ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ ދެން ހަދާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް މިރޭ ވަނީ ސިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. އެމްޑީޕީ ކައުންސިލަރުންގެ މެޖޯރިޓީ އޮންނަ އެ ކައުންސިލުން މި ބައްދަލުވުމުގައި ނިންމީ މައްސަލަ ކޯޓަށް ހުށަހެޅުމަށެވެ.
އެ ބައްދަލުވުމަށް ފަހު މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބިންތައް ސަރުކާރުން ނެގުމުން، އެތަންތަނުން ލިބެން ޖެހޭ އާމްދަނީ ކައުންސިލަށް ލިބޭނެ މަގު ބަންދުވާނެ ކަމަށެވެ. އަދި ބިންތައް ނެގީ އެތަނާ މަޝްވަރާނުކޮށް، ގާނޫނުތަކުގެ ބޭރުން ކަމަށާއި އެހެންވެ، އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރާއްޖޭގެ ރަށްތައް ލާމަރުކަޒުކޮށްގެން ހިންގާއިރު، އެކަމަށް އެހީތެރިވުމަކީ ސަރުކާރަށް ލާޒިމް ކަމެއް ކަމަށެވެ.
ކައުންސިލުގެ ބެލުމުގެ ދަށުން ދައުލަތަށް ނަގަނީ:
° ސަލްޓަން ޕާކާއި ގައުމީ ދާރުލްއާސާރު
° މަސް މާރުކޭޓު
° މަސް މާރުކޭޓުގެ ހިއްކައިފައި އޮތް ސަރަހައްދު
° ލޯކަލް މާރުކޭޓު
° މާލޭ ސިޓީ ކައުންސިލުގެ މަސައްކަތްތެރިންގެ އެކޮމޮޑޭޝަން ބިލްޑިން ހުންނަ ބިން
° ވިޔަފާރިވެރިންގެ ޖަމިއްޔާގެ އޮފީސް ހިންގާ އިމާރާތް
° ކާނިވާ ސަރަހައްދު
° އާޓިފިޝަލް ބީޗު
° މަސްވެރިންގެ މައިޒާން
° ތައިސޭ ކޮށި
° ކުލީ ފާޚާނާ ނަންބަރު 2
° ގަސްގަހާގެހި ރައްކާކުރަން ކައުންސިލުން ބޭނުންކުރާ ބިން
° ބޮނޑިބަތް ޕާކު
° ރަސްފަންނު



