މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން، ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މާލޭ އުތުރު ބަނދަރުގައި ފިންގަރ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 15 މީޓަރުގެ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
މި މަޝްރޫއުގެ ތެރެއިން ތަނބުތަކުގެ ރެއިންފޯސްމަންޓް ނުވަތަ ދަގަނޑު އެޅުމުގެ މަސައްކަތްތައްވެސް މިހާރު ކުރިއަށްދާއިރު، ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އަންނަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ.
ޖުމްލަ 18.98 މިލިއަން ރުފިޔާގެ މި މަޝްރުއޫގެ ދަށުން 25 މީޓަރުގެ ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެއް ހެދުމަށް ހަމަޖެހިފައިވެއެވެ.
އެ ކުންފުނިން ބުނީ، މި މަޝްރޫއުގެ މަސައްކަތް ނިމުމުން ޖެޓީތައް ބޭނުންކުރާ އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މިގޮތުން ބަނދަރުގައި ތޮއްޖެހުން ކުޑަވާނެކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. ހަމައެހެންމެ ބޭރުގައި އޮންނަ ލޯންޗަކަށް އަރާ، މަގަތުގައި ހުންނަ ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލާން ޖެހޭ ތަކުލީފާއި އުނދަގޫތައްވެސް ނިމުމަކަށް އަންނާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މީގެއިތުރުން މި ޖެޓީގެ ސަބަބުން ކުޑަކުދިންނާއި އިސްރަށްވެހިންނާއި ލަގެޖު ހިފައިގެން ދަތުރު ކުރާ ފަރާތްތަކަށްވެސް ބޮޑު ލުއިތަކެއް ލިބޭނެކަމަށް އެމްޓީސީސީއިން ބުންޏެވެ.



