މާލެ ސަރަހައްދުގެ ކަނޑުއަޑީގައި ފެން އުފައްދާ ނިޒާމެއް ގާއިމްކުރުމުގެ އަމަލީ ދިރާސާ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ފަށައިފިއެވެ.
ފެން ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ރާއްޖެއެއް ބިނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެކެވަޑައިގެންފައިވާ ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމްޑަބްލިޔުއެސްސީން ދަނީ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށް، މަސައްކަތުގެ ހިންގުން ހަރުދަނާ ކުރުމާއެކު ދެމެހެއްޓެނިވި އުމްރާނީ ތަރައްޤީ ކުރިއެރުވުމަށްޓަކައި އެންމެ ފަހުގެ އީޖާދީ ކަނޑުއަޑީގެ ފެން އުފައްދާ ޓެކްނޮލޮޖީ (ސަބްސީ ޑީސެލިނޭޝަން) ބޭނުން ކުރެވިދާނެ ގޮތްތަށް ދެނެގަންނަމުން ކަމަށެވެ.
މިގޮތުން މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން ”ފްލޯޝަން“ ގެ ޓެކްނިކަލް ޓީމުން ވަނީ ކަނޑުގެ 500 މީޓަރު އަޑިން ފެން ސާމްޕަލް ނަގާފައިކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައިވެއެވެ.

ފުރަތަމަ މުޢަޔަނާއިން ދައްކާ ގޮތުން މިއީ އާދަޔާ ޚިލާފަށް ސާފު ފެނެއް ކަމުގައި ވެސް އެ ކުންފުނިން ބުނެފައިވެއެވެ. އަދި ލެބޯޓަރީ ތަހުލީލުތަކުން ކަށަވަރު ކުރެވޭ ގޮތުގައި މިއީ ފެން އުފެއްދުމަށް ބޭނުން ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ތަބީޢީ ފެން މަސްދަރުތަކުގެ ތެރޭގައި ހިމެނޭނެ ފެނެއް ކަމުގައިވެސް ބުނެފައިވެއެވެ.
ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިޒާވް އޮސްމޯސިސް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީ އެކެވެ.މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު %40 އާއި %50 އާ ދެމެދުގެ މިންވަރަކަށް ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެ ކަމުގައި ވެސް ފެން ކުންފުނިން ބުނެފައިވެއެވެ.




