ރާއްޖޭގައި ހިންގާ ސައިބަރ ކުށުގެ %68 އަކީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ކުށްތައް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
ސީޕީ މިހެން ވިދާޅުވީ، ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުމުގެ މަހާ ގުޅުވައިގެން ނެރުއްވި ޚާއްސަ ޚިތާބުގައެވެ.
ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ރާއްޖެއިން ޓެކްނޮލޮޖީގެ ދާއިރާގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އާބާދީގެ ގާތްގަނޑަކަށް %85 މީހުން އިންޓަރނެޓާއި، ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރަމުންދާ ކަމަށެވެ.
ޓެކްނޮލިޖީއާއެކު ފަސޭހަތައް ވިނަމަވެސް، އިންޓަނެޓުގެ ޒަރިއްއާއިން ކުރިމަތިވާ ތަފާތު ނުރައްކާތައް ފެތުރިގެންދާ ދުވެލިވެސް އެތައް ގުނައަކަށް ހަލުވިވެފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން ދައުލަތުގެ މުއައްސަސާތައްވެސް ސައިބަރ ކުށްތަކުގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު އިންތިހާއަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ދޭ ޚިދުމަތްތަކާއި، މާލީ މުއާމަލާތްތަކާއި، ވިޔަފާރިތަކުގެ އިތުރުން ޒާތީ ދިރިއުޅުމުގެ ކަންކަން ޑިޖިޓަލް ވަމުންދާއިރު، މަކަރާއި ހީލަތުގެ މަޅީގައި ރައްޔިތުން ޖައްސައި، ކުށް ކުރުމަށް ސައިބަރ ވެށީގައި ފަހިވާ ފުރުސަތުތައް އިތުރުވާކަން ފާހަގަކުރައްވައި ކޮމިޝަނަރ ވަނީ، ތަރައްޤީއާއި ޒަމާނީ ބަދަލުތަކުގެ ހަގީގީ މަންފާ ހާސިލުކުރެވޭނީ، ކޮންމެ ފަރުދަކުވެސް އަދި ކޮންމެ މުއައްސަސާއަކުންވެސް ޑިޖިޓަލް ރައްކާތެރިކަމަށް ފާރަވެރިވެ، ދުރާލައި ހޭލުންތެރި ފިޔަވަޅުތަކެއް އަޅައިގެންކަން ފާހަގަކުރައްވާފައެވެ.
ކޮމިޝަނަރ ވިދާޅުވީ، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް ދިވެހި ފުލުހުންގެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ސައިބަރ ކުށުގެ މައްސަލަތަކުގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް އިތުރުވެފައިވާ ކަމަށެވެ. މި މައްސަލަތަކުގެ ތެރެއިން %68 އަކީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާފައިވާ ކުށްތައް ކަމަށާއި އާޓިފިޝަލް އިންޓެލިޖެންސް ފަދަ އަލަށް ތައާރަފުވަމުން އަންނަ ޓެކްނޮލޮޖީ ނަހަމަ ގޮތުގައި ބޭނުން ކޮށްގެން ނުރައްކާތެރި އުކުޅުތައް ކުށްވެރިން ބޭނުންކުރާކަން ފާހަގަކުރެއްވިއެވެ.



