އަވަށްޓެރިންނަށް އުނދަގޫކުރަމުން ދިޔަ އަހްމަދު ފައިރިޝްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ދީފިއެވެ.
ފައިރިޝް ހައްޔަރުކޮށްފައި ވަނީ ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުމާއި މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގައެވެ.
އޭނާ ބަންދުކޮށްފައި ވަނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާ ބަންދުކުރަން ނިންމީ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ ކަމަށެވެ.
ފައިރިޝް ވަނީ މީހަކަށް ބިރުދައްކައި މުދަލަށް ގެއްލުންދިން މައްސަލައެއްގެ އިތުރުން އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށްފައެވެ. އަދި މިފަހަރު ހައްޔަރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އޭނާއަށް ކުރާ ހުރިހާ ތުހުމަތަކަށް ވަނީ އިންކާރުކޮށްފައެވެ.


