މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ބައެއް މަގުތަކުގައި ސްޕީޑު ބްރޭކަރުތައް އަލަށް ހެދުމާއި ކުރިން ހަދާފައި ހުރި ބައެއް ސްޕީޑު ބްރޭކަރުތައް ބަދަލުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި މަސައްކަތް އެ ކޯޕަރޭޝަނުން ފަށާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލަފަޔާއި އިރުޝާދުގެ ދަށުންނެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި މަސައްކަތް ކުރިއަށްދާއިރު، ސްޕީޑު ބްރޭކަރުތައް ހަދަމުންދަނީ ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލައި އެކްސިޑެންޓު ގިނަކަމަށް ފާހަގަކުރެވިފައިވާ ސަރަހައްދުތަކުގައެވެ. މި މަސައްކަތުގެ ދަށުން ސްޕީޑު ބްރޭކަރު އެޅުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މިހާރު ހަދަން ފަށާފައިވަނީ ހުޅުމާލޭގެ މަގުތައް ފުރަތަމަ ހެދިއިރު ބޭނުންކުރި ޑިޒައިންގެ ތާރު ބަންޕަރުތަކެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤުސަދަކީ ދުއްވާ ފަރާތްތަކަށް ރައްކާތެރިކަމާއެކު މަގުތައް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެކުރިން ވެސް ހުޅުމާލޭގެ މަގުތަކުގައި އެޗްޑީސީން ވަނީ ސްޕީޑު ބްރޭކަރުތަކެއް ހަރުކޮށްފައެވެ. އެ ފަހަރު މަގުމަތީގެ އެކްސިޑެންޓުތައް 70 އިންސައްތައާއި 80 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދެއްކި ނަމަވެސް، އޭރު ބޭނުންކުރި ޑިޒައިނާއި މެޓީރިއަލްއާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރުމުން ފަހުން އެ ތަކެތި ވަނީ ނަގާފައެވެ. އެހެންނަމަވެސް، ހުޅުމާލެއަކީ އަމާން އަދި ރައްކާތެރި ތަނަކަށް ހެދުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ފާހަގަކުރެއެވެ.
އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ގަވާއިދުތަކަށް ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ނުރައްކާތެރިކޮށް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަމުންދާނެކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެ އިތުރުން، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން، ޓްރެފިކް ޤާނޫނާއި ޤަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޑިޖިޓަލް އަދި އިލެކްޓްރޯނިކް ވަސީލަތްތަކާއި ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފިޔަވަޅު އެޅުމަށް ވެސް ފުލުހުން ވަނީ ތައްޔާރުވެފައެވެ.



