ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފުރަމާނަ ދަތުރުފުޅެއްގައި ޕާކިސްތާނަށް އިއްޔެ ވަޑައިގަތުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތަނަށް ވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ބޮޑު ޝަރަފެއްކަމަށެވެ. އަދި އެ ޤައުމަށް ވަޑައިގަތުމަށް ވިދާޅުވި ހޫނު މަރުހަބަށް ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް، އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކޮށްދޭނެ މުހިއްމު ބައްދަލުވުންތަކާއި މަޝްވަރާތައް މި ދަތުރުގެ ތެރެއިން ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުންދިނުމަށް ފަހުމުނާމާތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވެއެވެެ.



