ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ޕާކިސްތާނުން ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފި އެވެ.
އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދަންނަވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް އެވެ.
ރައީސް މުޢިއްޒުއަށް ޕާކިސްތާނުން ރަސްމީކޮށް މަރުޙަބާ ދަންނަވާފައިވަނީ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ގެކޮޅުންނެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ގާޑް އޮފް އޮނަރއެއް ވަނީ އަރުވާފަ އެވެ. ރައީސްގެ އަރިހުގައި އެމަނިކުފާނު އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދަޢުވަތަކަށް، އެޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.
އެމަނިކުފާނު ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާއި، ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ އިތުރުން، އެޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވާނެއެވެ.
ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގިނަ ފަހުމުނާމާތަކެއް ބަދަލުކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ދައުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅަކީ ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ރައީސަކު، ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައި މިވަނީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ވަގުތުގައެވެ. ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 26 ޖުލައި 1966 ގައެވެ.


