ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު، އަސީފާ ބުއްޓޯ ޒަރްދާރީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރު އައިވާން-އެ-ސަދްރުގައި، އިއްޔެ ހަވީރުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރިޔާސީ ގަނޑުވަރަށް ވަޑައިގަތުމުން، އެދެކެނބަލުންނަށް މަރުޙަބާ ވިދާޅުވީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އަދި ޕާކިސްތާނުގެ ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީ އެވެ.
މި ޒިޔާރަތުގައި ރައީސް މުޢިއްޒު އަދި މެޑަމް ސާޖިދާ، ޕާކިސްތާނުގެ ރައީސްއާއި ފަސްޓް ލޭޑީއާ ބައްދަލުކުރައްވާ، މަޝްވަރާކުރައްވާފައި ވަނީ ވަކިވަކީންނެވެ.
ރައީސްގެ އަނބިކަނބަލުންނަށް މަރުޙަބާ ވިދާޅުވަމުން، ޕާކިސްތާނުގެ ފަސްޓް ލޭޑީ ވަނީ ފައިދާހުރި މަޝްވަރާތަކެއް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. ހަމަމިއާއެކު، މެޑަމް ސާޖިދާ ވަނީ ދިވެހި ވަފުދަށް އަދާކުރެއްވި ހޫނު މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޢާންމު ޞިއްޙަތުގެ ދާއިރާއިން، ޚާއްޞަކޮށް އަންހެނުންގެ ޞިއްޙަތަށް ހޭލުންތެރިކުރުމަށް އަސީފާ ބުއްޓޯ ޒަރްދާރީ ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްޕުޅުތަކަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތަޢުރީފު ކުރައްވާފައެވެ.
މި މަޝްވަރާތައް ބިނާކުރެއްވީ، ތަޢުލީމު ކުރިއެރުވުމާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމާއި، މުޖުތަމަޢުގެ ދުޅަހެޔޮކަން ފަދަ މުހިންމު އިޖުތިމާޢީ ކަންކަމުގެ މައްޗަށެވެ. މިގޮތުން، ގައިންގަޔަށް ނާރާ ބަލިތަކާއި، ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކުރުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޞިއްޙީ ރައްކާތެރިކަމުގެ އިސްނެގުންތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.



