މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން، ފުރަތަމަ ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އެމްޓީސީސީން އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫޢުގެ ދަށުން އުތުރު ފަރާތު ބަނދަރުގައި 15 މީޓަރު ދިގު 3 ފިންގާ ޖެޓީ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެމްޓީސީސީއިން ބުނީ، މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 1 ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި ބާކީ ހުރި 2 ޖެޓީގެ ރީއިންފޯސްމެންޓް މަސައްކަތްތައްވެސް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެކުންފުނިން ފާހަގަކުރިއެވެ.
މިއީ މުޅި ޖުމްލަ 18.98 މިލިޔަން ރުފިޔާގެ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން ފާހަގަކުރި ގޮތުގައި، މި މަޝްރޫއު އެއްކޮށް ނިމުމުން އުތުރު ފަރާތު ބަނދަރު ބޭނުންކުރާ އާންމު ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް ބަނދަރުގެ ތޮއްޖެހުން ކުޑަވެ، ބޭރުގައި އޮންނަ ލޯންޗުފަހަރަށް އަރަން މަގަތުގައި އޮންނަ އުޅަނދުތައް ހުރަސްކޮށް ދާންޖެހޭ ދަތި އުނދަގޫތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.



