އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހަން ގޮވާލި މައްސަލައިގެ ތުހުމަތު އުފުލިފައިވާ ހއ. ބާރަށް، ކުއްޅަވައްގޭ / އަލީ ޖުމާން (25އ.) މިއަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ފިހާރައެއް ލޫޓުވުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތްވަރުދީ ގޮވާލި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ޖުމާން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.
އޭނާއަކީ އިދިކޮޅު އެމްޑީޕީން މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ވެސް ހައްޔަރުކުރި މީހެކެވެ. ނަމަވެސް، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ނުކުރަން ޕީޖީން ފަހުން ނިންމިއެވެ.
މިދިޔަ ހޯމަ ދުވަހު ޖުމާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސަރުކާރުން ޔަހުދީންނަށް ބިންތައް ދޭތަން ބަލަން ނުތިބެވޭނެ ކަމަށާއި އިމާރާތްތަކާއި އުޅަނދުފަހަރުގައި ރޯކޮށް، ހަމަނުޖެހުން ހިންގައި މުޒާހަރާ ވެސް ކުރަންޖެހޭ ކަމަށެވެ. އަދި ރެޑްވޭވް ފިހާރަ ލޫޓުވާލަން ވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ.



