މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގަމުން އަންނަ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން، ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ޚާއްސަ ސަރޖިކަލް ކޭމްޕެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ކޭމްޕަކީ ޞިއްޙީ ވުޒާރާއާއި ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން މިމަހުގެ 29 އިން 31 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޭމްޕެކެވެ.
އައިޖީއެމްއެޗްއިން މަޢުލޫމާތު ދިންގޮތުގައި، މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމެވެ. މި ދަތުރުގައި އެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނާއި ސަބް-ސްޕެޝަލިސްޓުން ހިމެނޭހެން ޖުމްލަ 9 ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެއެވެ.
މި ކޭމްޕުގައި ހިމެނޭ ޑޮކްޓަރުންގެ ޓީމުގައި ހިމެނެނީ:
- ޑރ. ޢަބްދުﷲ އުބައިދު – އާންމު އޮޕަރޭޝަން އަދި ލަޕަރޮސްކޮޕިކް އޮޕަރޭޝަންތަކަށް ޚާއްސަ
- ޑރ. މުޙައްމަދު ޝަރީﷲ ޢަބްދުލް މަޖީދު – އާންމު އޮޕަރޭޝަން އަދި ލަޕަރޮސްކޮޕިކް އޮޕަރޭޝަންތަކަށް ޚާއްސަ
- ޑރ. ހައްމާދު އާދަމް – ބޮޑުގޮހޮރާއި ފުރަގަސްފަރާތުގެ އޮޕަރޭޝަންތަކަށާއި ގުނަވަންތަކުގެ ކެންސަރަށް ކުރާ އޮޕަރޭޝަންތަކަށް ޚާއްސަ
- ޑރ. މުޙައްމަދު ވަޙީދު – ޕްލާސްޓިކް އަދި ރީކޮންސްޓްރެކްޓިވް ސާޖަރީ އަދި ފަސޭހަނުވެ ގިނަ ދުވަސްވީ ފާރުތަކުގެ ފަރުވާއަށް ޚާއްސަ
- ޑރ. މުޙައްމަދު ރިފްޝާން އިސްމާއިލް – ޕްލާސްޓިކް އަދި ރީކޮންސްޓްރެކްޓިވް ސާޖަރީ އަދި ފަސޭހަނުވެ ގިނަ ދުވަސްވީ ފާރުތަކުގެ ފަރުވާއަށް ޚާއްސަ
- ޑރ. ޢަބްދުﷲ އަދްސަރު – ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކަށް ޚާއްސަ
- ޑރ. ޢާއިޝަތު އަޒްނާ ޢަލީ – ހިމަގޮހޮރުގެ ބަލިތަކާއި ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް ކުރާ އޮޕަރޭޝަންތަކަށް ޚާއްސަ
- ޑރ. މުޙައްމަދު ޝިފާން – ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްސަ
- ޑރ. ހުސައިން ހަމީދު – ލޭހޮޅިތަކުގެ ބަލިތަކަށް ކުރާ އޮޕަރޭޝަންތަކަށް ޚާއްސަ
ގަމު ރީޖަނަލް ހޮސްޕިޓަލުގައި ކުރިއަށްގެންދާ މި ކޭމްޕުގެ ތެރެއިން ޑޮކްޓަރުންގެ ޓީމުން ސާޖިކަލް ކޮންސަލްޓޭޝަންތަކާއި އޮޕަރޭޝަނުގެ ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.
އައިޖީއެމްއެޗްއިން ފާހަގަކުރި ގޮތުގައި، މިފަދަ ކޭމްޕުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް އަމިއްލަ ރަށާ ނުވަތަ އަތޮޅާ ކައިރިން، ލުއިފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.



