ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫންކަމަށާއި އެއީ އެކިކަންކަމުގައި ތިމާގެ ޤާބިލުކަން އިތުރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ އެހެން ވިދާޅުވީ އިއްޔެ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަދި ޔުނިވަރސިޓީގައި ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި މުޢާމަލާތު ކުރުމުގެ ޤާބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ޤާބިލުކަމަށް އިސްކަން ދޭންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން، ކަންކަމަށް އާ ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ޤާބިލުކަންފަދަ ކަންކަން އަށަގެންނެވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.
ޔުނިވަރސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމައިނުލައި ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތްކުރަމުން ގެންދިއުމަށް އެކަމަނާ ދަސްވެނީންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ ފަހުގެ ތާރީޚުގައި ދިވެހި އިސްލާމީ މުޖުތަމަޢަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދިން ތާރީޚީ ހިޔާވައްސެއްކަން ފާހަގަކުރައްވައި އެ ޔުނިވަރސިޓީގެ ފެށިގެންއައި ގޮތުގެ ތާރީޚަށް އަލި އަޅުވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދަސްވެނިވި ބައެއް ދަރިވަރުނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.



