5ރަސްމާލޭގައި އީގަލް ހިލްސް މެދުވެރިކޮށް ހިންގާ މަޝްރޫއަކީ ދިވެހި ދައުލަތަށް އެންމެ ހިރާސް ކުޑަ އަދި ފައިދާ ބޮޑު ގޮތެއްގައި ހިންގޭނެ މަޝްރޫއު ކަމަށް ހައުސިންގް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރު މުޢްޠަލިބުގެ ޕްރެޒެންޓޭޝަނުގައި 2040 ވަނައަހަރާ ހަމައަށް ރާއްޖެއަކީ ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލްކުރުމަށް ސަރުކާރުން ކުރައްވަމުންދާ ބައެއް ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ 4 ލައްކަ މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރާއިރު ރާއްޖެއަށް އޮތް އެންމެ ރަނގަޅުގޮތަކީ ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފުން ކަމަށެވެ. އެގޮތުން، ރިއަލްއެސްޓޭޓް ޓޫރިޒަމަކީ މިހާރުވެސް ކުރިއަރާފައިވާ ޤައުމުތަކުގައި ބޭނުންކުރާ ބާވަތެއް ކަމަށާއި ރިއަލްއެސްޓޭޓްގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ވިދާޅުވީ އެ ދާއިރާ ކުރިއެރުވުމަށް ޤާނޫނާ އެއްގޮތަށް، ދައުލަތަށް އާމްދަނީ ލިބޭނެފަދަ ޕްރޮޕަޓީތައް ތަރައްގީކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެފަދަ ޕްރޮޕަޓީތައް 99 އަހަރަށް ލީޒް އުސޫލުން ދޫކުރާއިރު އިކުއިޓީއާއެކު ނުވަތަ އިކުއިޓީއާނުލައި ޖޮއިންޓް ވެންޗާއެއް ހަދައިފިނަމަ ދައުލަތަށް ހިރާސްތައް ބޮޑު ކަމަށާއި އެ ޕްރޮޮޕަޓީތަކުގެ ބާރު ދައުލަތަށް އޮވެ، ކޮންމެ މުއާމަލާތަކުން ދައުލަތަށް އާމްދަނީ ލިބޭނެގޮތަށް މަޝްރޫއު ކުރިއަށްގެންދިޔުމަކީ ދައުލަތަށް އެންމެ ފައިދާހުރި ގޮތް ކަމަށް ވިދާޅުވިއެވެ.


