”ހަށިހެޔޮރާއްޖެ“ ޤައުމީ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 33 ޕްރޮގްރާމެއް ހިންގައި، 1483 ބައިވެރިން ތަމްރީނުކުރެވިފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ”ހަށިހެޔޮރާއްޖެ“ ޕްރޮގްރާމު ނިންމުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގެ ހަރުގޭގައި ކުރިއަށްދިޔަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ޕްރޮގްރާމުން ތަމްރީނުވި ބައިވެރިންނަށް ސެޓްފިކެޓް ވެސް ވަނީ ހަވާލުކޮށްދެއްވާފައެވެ.
މިނިސްޓަރު ވިދާޅުވީ މި ޕްރޮގްރާމަކީ ދިގުރާސްތާ ޕްލޭނެއްގެ ދަށުން، ރާއްޖޭގެ އާބާދީއަކީ ގައިންގަޔަށް ނާރާ ބަލިތަކާ ދުރު ހަށިހެޔޮ ބަޔަކަށް ހެދުމުގެ އަމާޒުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިސްނެންގެވުމުގެ މަތިން ފައްޓަވާފައިވާ ޤައުމީ ޕްރޮގްރާމެއް ކަމަށެވެ. ވަކި ލަނޑުދަނޑިއެއް ކަނޑައަޅައި 2025 ވަނަ އަހަރު ފެށި މި ޕްރޮގްރާމް މިހާރު މުޅި ރާއްޖެއަށް ފުޅާވެފައިވާއިރު، މިހާތަނަށް 33 ޕްރޮގްރާމަކުން 1483 ސްޕޯޓްސް ކައުންސެލަރުން ތަމްރީނުކުރެވިފައިވުމަކީ މުހިންމު ކާމިޔާބީއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމުން ތަމްރީނުވާ ކޮންމެ ސްޕޯޓްސް ކައުންސެލަރަކު ވެސް އެ މީހެއްގެ ރަށުގައި ކަސްރަތު ޕްރޮގްރާމް ހިންގަން ލާޒިމްކޮށްފައިވާއިރު، އެފަދަ ޕްރޮގްރާމްތައް ރާވައި ހިންގަން ހަމަޖެހިފައިވަނީ އެ ރަށަކުން ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މިނިސްޓަރު ވަނީ އެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކޮށްދިނުމަށް ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
މި މަހުގެ 22 އިން 24 އަށް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޖުމްލަ 15 އަތޮޅަކުން ސްޕޯޓްސް ކައުންސެލަރުން ބައިވެރިވެފައިވެއެވެ. ޕްރެކްޓިކަލް އަދި ތިއަރީ ބައިތައް ހިމެނޭހެން ކުރިއަށްގެންދިޔަ މި ތަމްރީނުތަކުގައި މޫދުގައި ކަސްރަތުކުރާނެ ގޮތްތަކާއި، އިންޑޯ އަދި އައުޓްޑޯ ޖިމްތަކަށް އަހުލުވެރިކުރުވުމުގެ ސެޝަންތައް ކުރިއަށްގެންދިޔައެވެ.
ވީރު ޖިމާ ގުޅިގެން ކުރިއަށްގެންދިޔަ މި ސެޝަންތަކުގައި ކަސްރަތު ސާމާނު ބޭނުންކުރާނެ ގޮތުގެ އިރުޝާދު ދީފައިވާއިރު، އެޗްޕީއޭއާ ގުޅިގެން ދުންފަތުގެ ނުރައްކަލާ ގުޅޭގޮތުން ވެސް ވަނީ މައުލޫމާތު ދީފައެވެ.



