ކުއްލި ހާލަތްތަކާއި ކުރިމަތިވެދާނެ ނުރައްކާތަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން، ކޮންމެ ގޭބިސީއަކުން ވެސް މަދުވެގެން 3 ދުވަހަށް ފުދޭވަރަށް ފެނާއި ބަންދުކުރި ކާބޯތަކެތި ރައްކާކޮށްފައި ބެހެއްޓުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ އާންމު ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ.
ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއި، އަންދާޒާނުކުރެވޭ ފަދަ ކުއްލި ހާދިސާތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި މި އިރުޝާދު ނެރެފައިވަނީ އެ ޤައުމުގެ ކަމާބެހޭ އިސް އޮފިޝަލުންނެވެ.
ކަމާބެހޭ އިދާރާތަކުން ލަފާދީފައިވާ ގޮތުގައި، ކޮންމެ މީހަކަށް 3 ދުވަހުގެ މުއްދަތަށް މަދުވެގެން 9 ލީޓަރުގެ ފެން ބޭނުންވާނެއެވެ. މީގެ އިތުރުން ފަސޭހައިން ހަލާކުނުވާ ބާވަތްތައް ކަމަށްވާ ދަޅުގައި ބަންދުކޮށްފައި ހުންނަ މަހާއި ތަރުކާރީ އަދި ހިއްކާފައި ހުންނަ މޭވާ ފަދަ ކާބޯތަކެތި ކޮންމެ ގެއެއްގައި ވެސް ރައްކާކޮށްފައި ބެހެއްޓުމަށް ވަނީ އަންގާފައެވެ. މިފަދަ ފިޔަވަޅުތަކަކީ ހަނގުރާމައެއް، ބޮޑު ސައިބަރ ހަމަލާއެއް ނުވަތަ ގުދުރަތީ ކާރިސާއެއްގެ ސަބަބުން އަސާސީ ޚިދުމަތްތައް މެދުކެނޑިގެންދާ ހާލަތްތަކުގައި އާންމު ދިރިއުޅުމަށް ދިމާވެދާނެ ދަތިތައް ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކާބޯތަކެއްޗާއި ފެނުގެ އިތުރުން، ކަރަންޓު ކެނޑިދާނެ ހާލަތަކަށް ތައްޔާރުވުމަށް ވެސް ޚާއްޞަ އިރުޝާދުތަކެއް ވަނީ ދީފައެވެ. އެގޮތުން ފޯނު ޗާޖުކުރާނެ ޕަވަރ ބޭންކާއި، ބެޓެރީން މަސައްކަތްކުރާ ރޭޑިއޯއާއި، ފުރަތަމަ އެހީދޭ ފޮށްޓާއި، ނަގުދު ފައިސާ އަދި މުހިންމު ޒާތީ ލިޔެކިޔުންތައް ވެސް ރައްކާތެރިކަމާއެކު ތައްޔާރީ ހާލަތުގައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އިނގިރޭސިވިލާތުގެ އޮޑިޓް އޮފީސްތަކުންނާއި ކަމާގުޅުންހުރި އިދާރާތަކުން ފާހަގަކޮށްފައިވާ ގޮތުގައި، ބައިނަލްއަޤްވާމީ ސަލާމަތީ މަސްރަޙު ގޯސްވަމުންދިއުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުން، ކާބޯތަކެތި ފޯރުކޮށްދިނުމުގެ ނިޒާމަށް ބުރޫއަރައި، ސަޕްލައި ޗޭނަށް ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުޞަތު އެބައޮތެވެ.
އެހެންކަމުން ރައްޔިތުންގެ ފަރާތުން މިފަދަ ދުރާލައި ވާ ތައްޔާރީތައް ފެނުމަކީ ޤައުމީ ފެންވަރުގައި ކުރިމަތިވާ ކާރިސާތަކުން އަރައިގަތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.



