އުރަމަތީގެ ކެންސަރަށް އާންމުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ”ޕިންކް ރިބަން ރަން-ވޯކް 2026“ ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.
މާލޭގައި މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މާފަންނު ކުޅިވަރު އެކުވެނީގައެވެ.
މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މި ހަރަކާތް ވަނީ ފުޅާދާއިރާއެއްގައި ކުރިއަށްގެންގޮސްފައެވެ. އެގޮތުން އަތޮޅުތެރޭގެ 47 ރަށަކާއި 9 ރިސޯޓެއް ހިމެނޭހެން ޖުމްލަ 56 ސަރަހައްދަކުން 4،000 އަށްވުރެ ގިނަ މީހުން ވަނީ މި ދުވުމާއި ހިނގާލުމުގައި ބައިވެރިވެފައެވެ. މި ހަރަކާތުގައި އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ އާންމުން ބައިވެރިވިއެވެ.
މިއަހަރުގެ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ”45 މިނިޓް މިއަދު، ދިރިއުޅުމަށްޓަކައި ދުޅަހެޔޮ އާދައެއް“ މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތުގެ ތެރެއިން، މިހާރު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށާއި، މި ބަލީގައި ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ހަނދާނުގައި ބިބް ޚާއްސަކުރުމުގެ ފުރުސަތު ބައިވެރިންނަށް ވަނީ ހުޅުވާލާފައެވެ. މިއީ ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނާއި، ބަލިން ރަނގަޅުވެފައިވާ މީހުން އަދި އެފަރާތްތަކުގެ އާއިލާތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ކަމެކެވެ.
ކެންސަރ ސޮސައިޓީން ފާހަގަކުރި ގޮތުގައި މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ކެންސަރު ބައްޔަށް އާންމުން ހޭލުންތެރިކުރުވުމާއި، ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކަސްރަތުކުރުމާއި ހެލިފެލިވެ އުޅުމުގެ އާދަ އަށަގެންނެވުމެވެ. މީގެ އިތުރުން، އެނާޖީ ޑްރިންކް ފަދަ ސިއްހަތަށް ގެއްލުންހުރި ބުއިންތަކާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރައްކާތެރި އާދަތަކުން ދުރުހެލިވުމާ ގުޅޭ މުހިންމު މެސެޖުތަކެއްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ފޯރުކޮށްދީފައެވެ.
ރާއްޖޭގައި އެންމެ އާންމު އެއް ކެންސަރުކަމަށްވާ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހު ބާއްވާ މި ދުވުމަކީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީން ބާއްވަމުން އަންނަ ހަރަކާތެކެވެ.


