ށ. ފުނަދޫ ބަނދަރު ސަރަޙައްދުގައި ހުރި ތެޔޮ ޝެޑެއްގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި، ހަތަރު ގެއަކަށާއި 5 ވޯކްޝޮޕް/ގަރާޖަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
މި އަލިފާނުގެ ހާދިސާގެ ރިޕޯޓު ލިބުމާ ގުޅިގެން އެ ސަރަހައްދުގެ ފުލުހުންނާއި ސިފައިން ދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރި ވަމުންނެވެ. ނަމަވެސް ރޯވި އަލިފާންގަނޑު އަދި ކޮންޓްރޯލު ނުވާކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
އެންޑީއެމްއޭ އިން ބުނީ، ދުމުގެ އަސަރު ކުރަމުންދާތީ އެ ސަރަޙައްދުގެ ގެތަކުން މީހުން މިހާރު ހުސްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ. އަލިފާން ނިއްވުމުގައި ފުލުހުންނާއި، އެއާޕޯޓް ފަޔަރ އަދި އާންމުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދީފައިވެއެވެ. އަދި ކުޅުދުއްފުށި އެމްއެންޑީއެފް ފަޔަރ ޓީމު ވެސް މިހާރު ދަނީ އެރަށަށް ދަތުރުކުރަމުންނެވެ.



