އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށާއި ކުދި ވިޔަފާރިތަކަށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ”މޯލްޑިވްސް އެކްސްޕޯ 2026“ އިނާމު ދިނުމުގެ ރަސްމިއްޔާތު ރޭގައި ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަމާއި ކުދި ވިޔަފާރިތަކަށް ރާއްޖެއިން ބޭރުން ފައިސާ ލިބިގަތުމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ހުރި ހުރަސްތައް ނައްތާލުމަށްޓަކައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީ އަދި ބީއެމްއެލް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މި އިންތިޒާމުގެ ދަށުން، ދުނިޔޭގެ ކޮންމެ ތަނަކުންވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޑޮލަރުން ފައިސާ ބަލައިގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެއިތުރުން، ޑޮލަރުން ލިބޭ ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސް މެދުވެރިކޮށް ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށާއި، ވިޔަފާރިތަކުން ބޭނުންކުރާ ސަބްސްކްރިޕްޝަންތަކަށް ފައިސާ ދެއްކުމަށްވެސް ނޮވެމްބަރު 1 އިން ފެށިގެން މަގުފަހިވެގެންދާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ، މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށާއި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބި، އާމްދަނީ އިތުރުކުރުމަށް ހުރި ހުރަސްތައް ނެތިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވީހާވެސް ގިނަ ރައްޔިތުން އަމިއްލަ ވިޔަފާރިތައް ފަށައި، މާލީ ގޮތުން ބާރުވެރިވުމަށް މަގުފަހިކޮށްދިނުން ކަމަށްވެސް ވިދާޅުވިއެވެ.



