ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ޚާއްސަ ލުއިތަކެއް ދިނުމުގެ ސިޔާސަތުގެ ދަށުން، ފުރަތަމަ ޒޯނެއްގެ ގޮތުގައި އައްޑޫ ސިޓީ ކަނޑައަޅައި، އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ ސިޓީގައި ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑެތި އިނާޔަތްތަކެއް ދެއްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިފަދައިން ނިންމަވާފައިވާކަން ރައީސް މުޢިއްޒު އިއުލާނު ކުރެއްވީ، ”މޯލްޑިވްސް އެކްސްޕޯ 2026“ ގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރޭގައި ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަތެވެ.
އެގޮތުން ރައީސް ވިދާޅުވީ، އަންނަ ޖެނުއަރީ އެކަކުން ފެށިގެން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މުއްދަތަށް އައްޑޫ ސިޓީގައި އަމަލީ ގޮތުން ގާއިމުވެ ތިބެގެން ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދައުލަތުން ޚާއްސަ ލުއިތަކެއް ދޭނެ ކަމަށެވެ.
އައްޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭނެ ލުއިތަކުގެ ތެރޭގައި:
° ސަރުކާރުގެ ނުވަތަ ދައުލަތުގެ ބިމެއް ކުއްޔަށް ނަގައިގެން ވިޔަފާރިކުރާނަމަ، އެ ބިމެއްގެ ކުލި އެއްކޮށް މަޢާފުވުން.
° ބީޕީޓީ ނުވަތަ އިންކަމް ޓެކްސް ދައްކަން ނުޖެހުން.
° ބިދޭސީ މުވައްޒަފުންގެ ކޯޓާ އަހަރީ ފީއަށް ބޮޑެތި ލުއިތަކެއް ލިބުން.
° އެ ވިޔަފާރީގެ ބޭނުމަށް އެތެރެކުރާ އުޅަނދުތަކުގެ އަހަރީ ފީ މަޢާފުވުން.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގައި މިފަދަ ލުއިތަކެއް ދިނުމުގެ އެންމެ ބޮޑު މަގްސަދަކީ އެ ސިޓީގެ އިގްތިޞާދު ކުރިއަރުވައި، ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދިނުމެވެ. އަދި އައްޑޫގައި ވިޔަފާރިތައް ފުޅާވެ، އެ ސިޓީގެ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



