އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދިޔަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ 4 ވަނަ ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ކެރީބިއަންގެ ޤައުމެއްކަމަށްވާ އެންޓީގާ އެންޑް ބާބިޔުޑާގައި މޭމަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މަހާސިންތާގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ކިނާނަތު ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި ބޭއްވި މި ބައްދަލުވުމުގައި އެންސީއައިޓީއަށް ލިބުނީ ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް އާއި ޓެކްނޮލޮޖީން ހޯދާފައިވާ ކާމިޔާބުތަކުގެ އިތުރުން ކުރިއަށް ރާވާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ކަމަށެވެ.
ސައިޑް އިވެންޓެއްގެ ގޮތުގައި މި ބައްދަލުވުން ކުރިއަށްދިޔައިރު އީފާސް އާއި ޑިޖިޓަލް ލޭންޑް ސްކޭޕް ފެށިގެން އައިގޮތުގެ ތަފްސީލްވެސް ހިއްސާ ކުރެއްވި ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
“ ރާއްޖެއަށް ކޮމްޕިއުޓާ ގެނެސް މިހާތަނަށް ހޯދާފައިވާ ކުރިއެރުންތައްވެސް އަޅުގަނޑުމެން ކިޔައިދިނިން. ދެން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވުނު އެ ބައްދަލުވުމަށް ވަޑައިގެން ވަރަށް ގިނަ ބޭފުޅުން ފާހަގަކުރެއްވި އަޅުގަނޑުމެންގެ އެ އިވެންޓަކީ ވަރަށް ރަނގަޅު އިވެންޓެއް ކަމަށް. އެދުވަހާ ހަމައަށް ކުރިއަށްގެންދިޔަ އިވެންޓްތަކާ ބަލާފަ އެންމެ ރަނގަޅު އިވެންޓުގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރެއްވި. އަޅުގަނޑުމެންނަށް ފާހަގަވި އެކި ގައުމުތައް ތަމްސީލްކުރައްވާ ބޭފުޅުން ތިއްބެވިއިރު ނެދަލެންޑްސްގެ ސްޓޭޓެއްގެ ގަވަރުނަރު އަޅުގަނޑުމެންނާ ވަކިން ބައްދަލުކުރެއްވި. ދެން އެ ބޭފުޅާވެސް ފާހަގަކުރެއްވި އަޅުގަނޑުމެންގެ ހުށަހެޅުން ވަރަށް ރަނގަޅު ކަމަށް.“ ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު
ނެދަލެންޑްސްގެ ސަރުކާރުން މި ކޮންފަރެންސް ތަމްސީލުކުރެއްވި އިސް ބޭފުޅުން ވަނީ ދެ ގައުމު ގުޅިގެން ކަންކަން ކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައި ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން ފާހަގަކުރައްވާ ޑރ. ކިނާނަތު ވަނީ ކުދި ޖަރީޒާ ގައުމުތަކުގެ ތެރެއިން ރާއްޖެ ހޯދާފައިވާ ކާމިޔާބުތަކާއި ކުރިއަށް އޮތްތަނުގައި ރާއްޖެދާން ބޭނުންވާ މިސްރާބު ހިއްސާކުރެއްވި ކަމަށް ވިދާޅުވެފައެވެ.
“ ރައިސް ޑރ. މުޢިއްޒު ޓެކްނޮލޮޖީއަށް ގެންގުޅުއްވާ ވިޝަނަރީއާ ގުޅޭގޮތުންވެސް ވާހަކަ ދެއްކި. ދެން އަޅުގަނޑު ދެންނެވިން އެ ވިޝަންގެ މައްޗަށް ކުރިއަށްއޮތްތަނުގައި އަޅުގަނޑުމެން މަސައްކަތްކޮށް ރާއްޖެ އަޅުގަނޑުމެން ބަދަލުކޮށްލާނެ ވާހަކަ އަޅުގަނޑު ދެންނެވިން.“ ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު
މީގެ އިތުރަށް މި މަހާސިންތާއާ ގުޅޭގޮތުން އެންސީއައިޓީގެ ޑެޕިއުޓީ މިނިސްޓަރ އަބްދުﷲ ހުސެއިން ވިދާޅުވީ މޫސުމީ މައްސަލަަތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ބޮޑެތި ދަތިތަކެއް ހުރިނަމަވެސް ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގެ ގިނަ ކަންކަމަށް ބޭރުގެ ގައުމުތަކުން ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ.
ޓެކްނޮލޮޖީގެ ހުށަހެޅުންތަކަށް ބޮޑު ތަރުހީބެއް ލިބުނުކަން ޑެޕިއުޓީ ފާހަގަކުރެއްވިއެވެ.
ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ސިޑްސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިިކުފާނުގެ ލީޑަރޝިޕް ވަރަށް ފުރިހަމައަށް ދައްކަވާފައެވެ.
އަދި ސިޑްސް މަހާސިންތާގެ ތެރެއިން ރާއްޖޭގެ އަޑު އިއްވައިދީ، ބައިނަލްއަޤްވާމީ މުޖްތަމައުގެ ސަމާލުކަން ސިޑްސް އާއި ރާއްޖެއަށް ހޯދައިދީފައިވާ ކަމަށްވެސް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
އެކަން އެންމެ ބޮޑަށް ހާމަވަނީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރާއްޖޭގެ ވާހަކަތަކާއި ރާއްޖެއިން ގޮވާލާ ގޮވާލުންތަކަށްދޭ ސަމާލުކަމާއި އެކަންކަމާއި ގުޅޭގޮތުން ގެނެސްދީފައިވާ ރިޕޯޓްތަކުންނެވެ.
މިފަހަރުގެ ކޮންފަރެންސްގައި ތަގުރީރުތަައް ކުރެއްވުމުގެ އިތުރުން، އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ ވެރިންނާއި ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
މި މަހާސިންތާގެ ޝިއާރަކީ ”ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ ނުވަތަ ފާގަތިކަމާ ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމެވެ.



