ށ. ފުނަދޫގައި އިއްޔެ ހެނދުނު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ތަހުގީވުކުރަން ހާއްސަ ޓީމެއް މިއަދު އެ ރަށަށް ދާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ފުނަދޫ ޕެޓްރޯލް ޝެޑްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، އެ ސަރަހައްދުގައި ހުރި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނެއްގެ އިތުރުން ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖަކަށާއި މީހުން ދިރިއުޅެމުންދިޔަ ގެއަކަށް އަލިފާން ފެތުރި އެތަންތަން ބޭނުންނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔަރފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ވެސް ހިމެނެއެވެ. އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތްކުރުމުގެ ތެރޭގައި އެކިވަރުގެ އަނިޔާ ލިބުނު މީހުންނާއި، ކަންބޮޑުވެ ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ.
މި ހާދިސާ ހިނގި ސަރަހައްދު މިހާރު ވަނީ ކޯޑަންކޮށް ބަންދުކޮށްފައި ކަމަށާއި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ސީން ޕްރޮސެސްކޮށް ތަޙުޤީގުގައި އެހީތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖަރ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް ށ. ފުނަދޫއަށް މިއަދު ހެދުނު ދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.



