ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މިނިސްޓަރުގެ މުސާރަ ބޮޑުކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ރިޔާސަތުން އަނބުރާ ފޮނުވާލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މަޢުރޫފް ޛާކިރު އެވެ.
މެންބަރު މަޢުރޫފް ހުށަހެޅި މައްސަލައިގައި ވަނީ ގައުމުގެ އިގުތިޞާދީ ހާލަތު އިންތިހާއަށް ދަށަށް ގޮސް އާންމުންގެ ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް އުފުލިފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ދައުލަތުގެ މިނިސްޓަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން މިދިޔަ ބުދަ ދުވަހު ނިންމައިފައިވާ ކަމަށެވެ.
އެގޮތުން ހަމައެއާއެކު ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެކަށީގެންވާ މުސާރައެއް ކަނޑައެޅިފައި ނުވާއިރު، އަދި މުސާރަ އެއްހަމަކުރުމާ ގުޅޭ އެތައް ކަންބޮޑުވުމެއް އޮތް ދަނޑިވަޅެއްގައި މަޖިލީހުގެ ރައީސާއި މިނިސްޓަރުންގެ މުސާރަ ބޮޑުކުރުމަށް ނިންމުމަކީ އާންމުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައިގައި ވަނީ، މުސާރަ އެއްހަމަކުރުމާ ގުޅޭ މައްސަލައިގައި މިދިޔަ އަހަރުގެ ޖޫން މަހު މެދުތެރޭ ހުށަހެޅި ގަރާރުގެ މަސައްކަތް ވެސް ނިންމައިފައި ނުވާކަން ފާހަގަކޮށްފައެވެ.
މި މައްސަލަ ލިބިފައިވާ ކަމަށް ވިދާޅުވެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ކުއްލި މައްސަލައަކީ ފަހުގެ ވަގުތެއްގައި މަޖިލީހުގައި ވާހަކަ ދައްކާނެ މައްސަލައަކާ ގުޅޭ ގޮތުން ދުރާލާ އެއްޗެއް ބުނުމުގެ ބޭނުމުގައި ހުށަހަޅާ މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެ ޝަރުތު ފުރިހަމަނުވާ ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވަނީ އެ މައްސަލަ އަނބުރާ ފޮނުވައިލައްވައިފައެވެ.



