ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި މަދަރަސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހަޅައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިބިލުގެ ފުރަތަމަ ކިޔުން އިއްވާދެއްވާފައެވެ.
މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލާ ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމަށް ހޯމް-ސްކޫލިން ޕްރޮގްރާމް ތަޢާރަފްކޮށް، އެ ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުރުޞަތު ދިނުމުގެ ޝަރުތުތަކާއި، އުސޫލުތައް ބަޔާންކުރުމުގެ ކަންކަން ހުށަހަޅާފައިވާ ބިލެކެވެ.
ނުކުޅުދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، ސްކޫލަށް ހާޒިރުވެ ތައުލީމު ހާސިލު ނުކުރެވޭ ކުދިންނަށް އެކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދެވިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ. ބިލުގައި އިތުރަށް ބުނެފައިވަނީ ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ޚާއްސަ ހާލަތެއް މެދުވެރިވެފައިވާ ނަމަ ހޯމް ސްކޫލިންގެ ދަށުން ތަޢުލީމު ދެވޭނެކަމަށެވެ.
މީގެއިތުރުން، މަދަރުސީ ތަޢުލީމުގެ ނިޒާމު ހިންގާ ތަންފީޒުކުރުމުގައި ބެލެނިވެރިންނާ މުދައްރިސުންނާ ޕްރިންސިޕަލުންގެ ދަޢުރު އިތުރަށް ތަފްސީލުކުރުމަށާއި، އެނޫންވެސް ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަކީ ބިލުގެ މަޤްސަދެކެވެ.



