މި މަހުން ފެށިގެން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން އަދި ޓުއަރ އޮޕަރޭޓަރުން ފޯރުކޮށްދޭ ހިދުމަތުން ފެށިގެން ޖީއެސްޓީ ނަގާ ގޮތަށް ގާނޫނަށް ގެނައި އިސްލާހު އުވާލަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ.
ޓުއަރ އޮޕަރޭޓަރުންނާއި ދާއިރާގެ ކަމާބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއަ އޮޕަރޭޓަރުންގެ އަތުން %17ގެ ޓެކުހެއް ނެގުމަށް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އޮގަސްޓު މަހުގެ 32 ގައެވެ.
މިމަހު އެ ޓެކްސް ނަގަން ފަށާފައި ވަނިކޮށް، އެ ޓެކްސް ނެގުން ހުއްޓާލުމަށް ”މުދަލާއި ހިދުމަތުން ޓެކްސް ނެގުމުގެ ގާނޫނަށް“ އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ.
އެ އިސްލާހުގައި ވަނީ މި މަހުން ފެށިގެން ބޭރު ޓުއަރ އޮޕަރޭޓަރުން އަތުން ނަގަން ފެށި ޓެކްސް ހުއްޓުވާލުމުގެ ގޮތުން، ޓެކްސް ނަގަން ކުރިން ހިމަނާފައިވާ ހުރިހާ މާއްދާއެއް އުނިކުރުމަށެވެ. އަދި ޖީއެސްޓީ ދެއްކުމުން އެއްކިބާވުމުގެ އަމަލުތައް ހިންގާ މީހުންނާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ އިސްލާހުތަކެއް ވެސް ހިމަނާފައިވެއެވެ.
އެ ބިލު މިއަދު މަޖިލީހަށް ބަލައިގަތީ އިދިކޮޅު އެމްޑީޕީގެ ވެސް ބައެއް މެމްބަރުން ހިމެނޭހެން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ވޯޓާ އެކު އެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.



