މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ބޭއްވި ”ވޯލްޑް ޓޮޕް ގޯމޭ އެވޯޑްސް 2026“ ގައި ދިވެހި ޝެފް މަހާ ނަސީރަށް ”ޓޮޕް އައުޓްސްޓޭންޑިންގ މާސްޓަރ ޝެފް އެވޯޑް އޮފް މޯލްޑިވްސް ކުޒިން“ ލިބިއްޖެއެވެ.
މަހާއަކީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 2022 ވަނަ އަހަރު ”މާސްޓަރ ޝެފް ސޮސައިޓީ އޮފް ދަ ވޯލްޑް“ އިން ދޭ ”މާސްޓަރ ޝެފް“ ގެ ލަގަބުވެސް އޭނާ ވަނީ ހާސިލުކުރައްވާފައެވެ. މީގެއިތުރުން މަހާއަކީ ބައިނަލްއަޤުވާމީ ޝެފުންގެ ޖަމިއްޔާ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީޒް (ވެކްސް) ގެ ކޮންޓިނެންޓަލް ޖަޖެއްވެސް މެއެވެ.
ޝެފް މަހާ ހޯއްދެވި މި ބައިނަލްއަޤުވާމީ ކާމިޔާބީއަކީ، ދިވެހި ކެއްކުންތެރިންގެ ހުނަރުވެރިކަމާއި ރާއްޖޭގެ ކާބޯތަކެތި ދުނިޔޭގެ ފެންވަރުގައި އިތުރަށް މަޤުބޫލުވެގެން ދިޔުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ވޯލްޑް ގޯމޭ މެލޭޝިއާއިން އިންތިޒާމުކޮށްގެން ބާއްވާ މި އެވޯޑަކީ ކަލިނަރީ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ބަލައިގަތުމުގެ ގޮތުން 2017 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
މި މަހުގެ 22 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ހަފްލާގައި ޝެފުންނާއި، ރެސްޓޯރެންޓުތަކާއި ފުޑް ބްރޭންޑުތައް ހިމެނޭހެން ޖުމްލަ 108 ފަރާތަކަށް އެވޯޑު ދީފައިވެއެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ މަޝްހޫރު ޝެފުންނާއި، ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ފުންނާބުއުސް ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެންނެވިއެވެ.



