ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް، މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހަތަރު ބިދޭސީއަކާއި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެމްޑީ ޖިހާދު ބިން އަރީފް (20އ) އާއި، އެމްޑީ މިޒަންނޫރު ރަހްމާން (41އ) އާއި، މިރްޒާ އަލް އަމީން (30އ) އަދި އެމްޑީ އަރްމާން އަލީ (21އ) އެވެ. މި ހަތަރު މީހުންނަކީ ވެސް ބަންގްލަދޭޝް މީހުންނެވެ.
އެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް އެތެރެކޮށްފައިވާ ދާގީނާއެއްގައި 6.75 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް މޯލްޑިވްސް ކަަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނި ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ކަސްޓަމްސް ގުޅިގެންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެމްޑީ މިޒަންނޫރު ރަހްމާން (41އ) ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަދި ދެންތިބި ތިންމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި މީހުންގެ އިތުރުން ހަށިގަނޑުގައި ރައްކާކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ސްމަގަލްކޮށް އެ ތަކެތި ޓްރެފިކްކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ދިވެއްސަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަޒަރުމާގެ / ވ.ފުލިދޫ، އަޚްމަދު ނަޞީރު (62އ)އެވެ. އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ޑްރަގް އެންފޯސްމަންޓުން އޭނާ ހައްޔަރުކޮށްފައިވަނީ، މި މަހުގެ 24 ވަނަ ދުވަހުއެވެ.
އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 19 ބުލެޓް ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ، 427 ގުރާމް ކަމުގައި ފުލުހުން ބުންޏެވެ.



