ޞިއްޙީ ދާއިރާގެ ކުރިމަގު ބިނާވަނީ ހަމައެކަނި އިމާރާތްކުރާ ހޮސްޕިޓަލްތަކާއި ގާއިމްކުރެވޭ ވަސީލަތްތަކުން ނޫންކަމަށާއި، އެކަމުގައި މީހުން ބިނާކޮށް ފޯރުކޮށްދެވޭ އިލްމުން މުހިންމު ދައުރެއް އަދާކުރާކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީއާއި ޕާކިސްތާނުގެ ރިފާ އިންޓަނޭޝަނަލް ޔުނިވަސިޓީއާ ގުޅިގެން ބާއްވާ ބުޓިކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން ފައްޓަވައިދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ގީލާ ވިދާޅުވީ، ޞިއްޙީ ދާއިރާގެ ތަޢުލީމަކީ ހަމައެކަނި ގިނަ އަދަދެއްގެ ޑޮކްޓަރުން އުފެއްދުން އެކަނި ނޫން ކަމަށާއި، މުހިންމީ މުޖުތަމައުތަކަށް ބޭނުންވާ ކަންކަން ދެނެގަނެ އެކަންކަން ތަންފީޒު ކުރެވޭ ވަރުގެ ޤާބިލު މީހުން ބިނާކުރުން ކަމަށެވެ.
”މުސްތަގުބަލަށް ތައްޔާރުވާއިރު ސިއްޙީ ދާއިރާގެ މީހުން މިއަދު މަސައްކަތް ކުރަން ޖެހެނީ ޑިޖިޓަލް ހެލްތު އަދި އާޓިފިޝަލް އިންޓެލިޖެންސާއެކު. ޕެޓާން ބަދަލުވަމުން އަންނަ ބަލިބަލީގެ ޕެޓާން އާއި، ނަފްސާނީ ބަލިމަޑުކަން ފަދަ ކަންކަމަށް މީހުން ބިނާ ކުރުން މުހިންމު“ މިނިސްޓަރު ވިދާޅުވިއެވެ.
ތިީމް ބޭސް ލަރނިންގ އާއި ރިސާޗް އާއި ޓެކްނޮލޮޖީގެ އެހީގައި މިދާއިރާއިން މީހުން ބިނާކުރުމުގެ މުހިންކަން ފާހަގަކުރައްވާ، ސިއްހީ ދާއިރާގެ ތައުލީމުގައި، އެޑިއުކޭޝަނަލް ރިސާޗާއި އެސެސްމެންޓް ކޯޗިން އާއި އަދި ބަދަލުވަ އަންނަ ޓެކްނޮލިޖީގެ ބޭނުން ހިފޭ ގޮތަށް މީހުން ބިނާކުރުމުގައި ގައުމީ ޔުނިވަސީޓީން ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް ގީލާ ފާހަގަކުރެއްވިއެވެ.



