ޤަތުލުއާންމާ ގުޅޭ އިސްލާހު ޤާނޫނުލްޢުގޫބާތަށް ސަރުކާރުން ހުށަހެޅީ، އެއީ ބައިނަލްއަޤްވާމީ ޤާނޫނުން ރާއްޖެއިން ކުރުން ލާޒިމްކަމަކަށްވާތީ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އޭޖީ އުޝާމް މިހެން ވިދާޅުވީ ޤާނޫނުލްއުގޫބާތަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހާ ގުޅޭގޮތުން ސައްޙަ ނޫން މައުލޫމާތު ފަތުރަމުންދާތީ އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ރޭގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ހިމަނާފައިވަނީ ގާނޫނުލްއުގޫބާތަށް ގަތުލްއާންމުގެ ކުށް އިތުރުކުރުމަށެވެ. އެގޮތުން ވަކި ޤައުމަކަށް ނުވަތަ ނަސްލަކަށް ނުވަތަ ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާޢަތަކާ ދެކޮޅަށް ޤަތުލުއާންމު ހިންގުން މަނާކުރުމަށް ވެސް ވަނީ ހިމަނާފައެވެ.
މީގެ ތެރޭގައި ހިމެނެނީ ވަކި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކު މެރުމާއި ވަކި ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކަށް ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުމާއި އެފަދަ ޖަމާޢަތަކަށް ނިސްބަތްވާ ބަޔަކަށް އެ ބަޔަކު އެކުގައި ނުވަތަ އޭގެ ތެރެއިން ބޮޑު ބައެއް ޖިސްމާނީ ގޮތުން ހަލާކުވެދާފަދަ ދިރިއުޅުމުގެ ހާލަތްތައް އެނގިހުރެ އަދި ގަސްދުގައި ކުރިމަތިކުރުވުމުގެ އިތުރުން ޖަމާޢަތަކަށް ނިސްބަތްވާ ކުޑަކުދިން މަޖުބޫރުން އެހެން ޖަމާޢަތަކަށް ބަދަލުކުރުމެވެ.
މި ބިލާ ގުޅޭގޮތުން ކުރެއްވި ޕޯސްޓުގައި ބަންޑާރަނައިބު ވަނީ ޤަތުލުއާންމު އަކީ ”ޖެނޮސައިޑު“ ކަން ފާހަގަކުރައްވައި އެ ކުށް ހުއްޓުވުމާއި އަދަބުދިނުމާގުޅޭ ބައިނަލްއަގުވާމީ މުއާހަދާ، ”ޖެނޮސައިޑް ކޮންވެންޝަން“ ގައި ރާއްޖެއިން 1984ވަނަ އަހަރުގެ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ބައިވެރިވެފައިވާކަން ފާހަގަކުރައްވާފައެވެ. އެ މުޢާހަދާގެ 5 ވަނަ މާއްދާގައި، މުޢާހަދާއަށް ޢަމަލުކުރުމަށްޓަކައި މުއާހަދާގައި ބައިވެރިވެފައިވާ ޤައުމުތަކުން ހަދަންޖެހޭ ޤާނޫނުތައް ހެދުމާއި، ޤަތުލުއާންމާގުޅޭ ކުށްތަކަށް ޤާނޫނުގެ ދަށުން އަދަބު ކަނޑައެޅުން ލާޒިމްކޮށްފައިވާ ކަމަށް އުޝާމް ވިދާޅުވިއެވެ.
ބަންޑާރަނައިބު ވިދާޅުވީ އެ މުއާހަދާގައި އެގޮތަށް ލާޒިމުކުރި ނަމަވެސް، 42 އަހަރު ވެގެން ދިޔައިރު ރާއްޖެއިން އެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތްވާ ގޮތުގެމަތިން ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ އިޞްލާހެއް ކަމަށް ވިދާޅުވިއެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއްކަންވެސް ފާހަގަކުރެއްވިއެވެ.



