މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިލަފުށި ޕޯޓުގައި ފަށައިފިއެވެ.
މިއީ، ތިލަފުށި ޕޯޓުން މި ޚިދުމަތް ދޭން ފެށި ފުރަތަމަ ޚިދުމަތެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ، ރާއްޖޭގެ އިޤުތިޞާދު އެހެން ހަރުފަތަކަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ނައްތާލުމުގެ މަޤުޞަދުގައެވެ. ރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ބާވަތްތަކެއްވެސް އެހެން ޤައުމުތަކުން އެތެރެ ކުރާ ޤައުމަކަށްވާއިރު، ރާއްޖެ އެތެރެވާ މުދަލުގެ ތެރެއިން މައިގަނޑު ގޮތެއްގައި ހުރިހާ ބާވަތެއްވެސް އެތެރެކުރަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. މިކަމާއި ގުޅިގެން ވިޔަފާރި ބަނދަރުވެފައިވަނީ، 24 ގަޑިއިރު ހިންގަންޖެހޭ ޤައުމުގެ އިޤުތިޞާދުގެ އެންމެ ބޮޑު އޮޕަރޭޝަނަށެވެ.
ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މުޅި މަޝްރޫއު ނިމޭނީ، އަންނަ އަހަރުއެވެ. ނަމަވެސް އެމްޕީއެލްއިން މިހާރު ވަނީ، ތިލަފުށި ޕޯޓުގައި މުދަލާއިއެކު ކޮންޓެއިނަރ ދޫކުރުމުގެ ޚިދުމަތް ފަށާފައެވެ.
މި ޚިދުމަތް ފެށުމަށް ބޭއްވި ހަފްލާގައި ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވީ، މާލެ އަދި ހުޅުމާލެ ބަނދަރުގައި މިވަގުތުވެސް ދޯނިފަހަރު ކައިރިކޮށް ކޮންޓެއިނަރ އެރުވުމަށް ޖާގަ ކުޑަ ކަމަށެވެ. ނަމަވެސް އެމްޕީއެލްގައި ތަރައްޤީ ކުރަމުންދާ ބަނދަރުން މި ޚިދުމަތް ފެށުމުން މިއީ ދޯނި ކްލިއަރެންސްއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މަޑުމަޑުން ޚިދުމަތްތައް ބަދަލުކުރަމުން ގެންދަވާނެކަމަށް ސީއީއޯ ވިދާޅުވިއެވެ.
”އެންމެ ފުރަތަމަ މި ފައްޓަނީ އެފްސީއެލް ކްލިއަރެންސް އޮޕަރޭޝަން ދޯނިފަހަރަށް. އިރާދަކުރެއްވިއްޔާ މާދުރުނޫން މުސްތަޤުބަލެއްގައި އަޅުގަނޑުމެން މިތަނުން ކޮންޓެއިނަރތައް ކަނޑައިގެން އެލްސީއެލް ކާގޯވެސް ދޫކުރަން ފައްޓާނަން. މިއަދު މިފެށުނީ ކޮންޓެއިނަރ ހުރިގޮތަށް ދޯނިފަހަރަށް ލޯޑު ކޮށްގެން ކްލިއަރެންސް ހެދުމުގެ މަސައްކަތް“ ސީއީއޯ ވިދާޅުވިއެވެ.



