ހއ. ބާރަށު ޖެޓީ އަދި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިނާރާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫޢުގެ ދަށުން ބާރަށު ބަނދަރުގެ ނެރު ފުންކުރުމާއި، އަލަށް ހަދާ ބަނދަރުގެ ފަޅު ފުންކުރުމުގެ އިތުރުން އެއްގަމުތޮށި ލުމާއި ރޭމްޕު އެޅުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ޑިންގީ އެޅުމަށް ޚާއްޞަ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، ގްރޮއިން ޖެހުމާއި، ބަނދަރުގެ ދެފަރާތުގެ ވެލިގަނޑު ހިފެހެއްޓުމަށް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
އަދި ސޭންޑްފިލްޑް ބްރޭކްވޯޓަރ ޤާއިމުކުރުމާއި، މޫރިންގ ބޮއި އެޅުމުގެ އިތުރުން، ބަނދަރު ބައްތިއާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.



