މުދާތަކެއް ވިއްކާނެކަމަށް ބުނެ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަނެއްކާވެސް ސްކޭމެއް ހިންގައިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މާކެޓްޕްލޭސް މެދުވެރިކޮށް ފުލުހުން މި ތިން މީހުން ހައްޔަރު ކޮށްފައިވަނީ އެފަދަ ދެ މައްސަލައަކާ ގުޅިގެންނެވެ.
އެގޮތުން އެ ދެ މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ނ. ހޮޅުދޫ / ހީނާގެ އަލީ އައްފާނާއި އެރަށު ޕްލާޒާ، މުހައްމަދު ހަމީދާއި ނ. ވެލިދޫ ވީނަސް، ހައްސާނު އަލީ އެވެ.
ފުލުހުން ބުނީ ހައްސާނު އަލީ މިދިޔަ މަހު ދެވަނަ ދުވަހު ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މީހަކާ ވާހަކަ ދައްކައި ޑިންގީއެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުންް 30،000 ރުފިޔާ އަތުލާފައިވާ ކަމަށެވެ.
އެ މައްސަލާގައި އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ވެލިދޫއިންނެވެ.
ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަލީ އައްފާނާއި މުހައްމަދު ހަމީދު ހައްޔަރުކޮށްފައިވަނީ މި މަހު ހަތް ވަނަ ދުވަހު ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް އިންޖީނެއް ވިއްކާ ކަމަށް ބުނެ މަކަރާއި ހީލަތުންް 30،000 ރުފިޔާ އަތުލާފައިވާ މައްސަލައެއްގައި ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ވެސް ހައްޔަރު ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ ދެމީހުން ހައްޔަރުކޮށް، ބަންދާ މެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ ދެމީހުން ވެސް 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.


