ޙައްޖު ކޯޕަރޭޝަނުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޢުމްރާ ދަތުރުތަކުގެ ކަލަންޑަރު އާންމުކޮށް، ރަޖިސްޓްރީވާން މިއަދު ހުޅުވާލައިފިއެވެ.
އަންނަ އަހަރަށް ރާވާފައިވާ ޢުމްރާ ދަތުރުތަކުގެ ތެރޭގައި ހިމެނެނީ، ރަމަޟާން މަހުގެ ޢުމްރާގެ އިތުރުން ޖުލައި މަހުގެ ޢުމްރާ، ސެޕްޓެމްބަރު މަހުގެ ޢުމްރާ އަދި ޑިސެމްބަރު މަހުގެ ޢުމްރާއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ، އަންނަ އަހަރުގެ ޢުމްރާ ދަތުރުތައް ޕްލޭންކޮށްފައިވަނީ ދިރާސީ އަހަރުގެ ކަލަންޑަރަށް ރިޢާޔަތްކޮށް ސްކޫލު ބޮޑު ޗުއްޓީތަކާއި، އާއިލާތަކަށް ފަސޭހަވާނެ ދުވަސްވަރުތަކާ ދިމާކޮށްގެން ކަމަށެވެ.
އަންނަ އަހަރަށް ތާވަލުކޮށްފައިވާ ޢުމްރާ ދަތުރުތަކުގެ އަގުތަކަށް، މި ހިނގާ އަހަރުގެ އަގުތަކާ އަޅާބަލާއިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ޖުލައި އަދި ސެޕްޓެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ، 30،965 ރުފިޔާއެވެ. އަދި އަހަރު ނިމޭ ޑިސެމްބަރު މަހުގެ ޢުމްރާ ޕެކޭޖުގެ އަގަކީ، 31،965 ރުފިޔާއެވެ.
ޙައްޖު ކޯޕަރޭޝަނުން ބުނީ، ކޮންމެ ދަތުރަކަށްވެސް ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ ވަކި ޢަދަދަކަށް ކަމަށެވެ. އެހެންކަމުން ޢުމްރާއަށް ޖާގަ ކަށަވަރުކުރުމަށް އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް ”ފަހެލި“ މެދުވެރިކޮށް ނުވަތަ ވެބްސައިޓް http://Hajj.mv އިން ވީހާވެސް އަވަހަކަށް ރަޖިސްޓްރީވުމަށް އެދިފައިވެއެވެ.



