ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެއް އެވޯޑު ކަމަށްވާ ”ވޯލްޑް ޓްރެވަލް އެވޯޑްސް 2026“ ގެ މުހިންމު 2 ކެޓަގަރީއަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ނޮމިނޭޓްވެއްޖެއެވެ.
މި އެވޯޑުގައި ވީއައިއޭ ނޮމިނޭޓްވެފައިވަނީ ”ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026“ އަދި ”ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026“ ގެ ކެޓަގަރީއަށެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް ބިއުރޯ އާއިޝަތު ރިޝްފާ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ވާދަކުރުމުގެ ފުރުސަތު ވީއައިއޭއަށް ލިބުނީ މި އަހަރު ރާއްޖޭގައި ބޭއްވި ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ”އިންޑިއަން އޯޝަންސް ލީޑިންގ އެއާޕޯޓް 2026“ ގެ ލަގަބު ހާސިލުކޮށްފައިވާތީ ކަމަށެވެ.
ވޯލްޑްސް ލީޑިންގ އެއާޕޯޓުގެ ޝަރަފުވެރި އެވޯޑަށް ވީއައިއޭއާ އެކު ދުނިޔޭގެ ފާހަގަކޮށްލެވޭ ޖުމްލަ 21 އެއާޕޯޓަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައިޖީއޭ އެއާޕޯޓު ހިމެނެއެވެ. އަދި އެމެރިކާގެ އެޓްލާންޓާގައި ހުންނަ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއާޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ސްވިޒަލެންޑުގެ ޒިއުރިކް އެއާޕޯޓު ފަދަ ބޮޑެތި އެއާޕޯޓުތައްވެސް މި ކެޓަގަރީގައި ވާދަކުރެއެވެ.
މީގެ އިތުރުން، ”ވޯލްޑްސް ލީޑިންގ އެއާޕޯޓް – ކަސްޓަމަރ އެކްސްޕީރިއަންސް 2026“ ކެޓަގަރީން ވީއައިއޭ ވާދަކުރަނީ ދުނިޔޭގެ ފެންވަރުގެ 12 އެއާޕޯޓަކާއެވެ.
މި އެވޯޑުތަކަށް ވޯޓުލުމުގެ ފުރުސަތު މިހާރު ކުޑަތަންވެފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކުން ވީއައިއޭއަށް ވޯޓު ދިނުމަށް ރިޝްފާ ވަނީ އެދިވަޑައިގެންފައެވެ. ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އަޅާ ކޮންމެ ވޯޓެއް ބެލެވޭނީ 2 ވޯޓުގެ ގޮތުގައި ކަމަށްވާތީ، ދާއިރާގެ ހުރިހާ މުވައްޒަފުންނާއި އިސްފަރާތްތަކުން ވޯޓުލުމުގައި ބައިވެރިވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
މި އެވޯޑަށް ވޯޓުލުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓު މެދުވެރިކޮށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެކި ދާއިރާތަކުން ރާއްޖެއިން އަބަދުވެސް އަންނަނީ ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދަމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލް ނުވަތަ ”ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން“ ގެ ލަގަބު 6 ފަހަރަށް ރާއްޖެއިން ހާސިލުކޮށްފައިވާއިރު، މި އަހަރުވެސް ރާއްޖެ ވަނީ 7 ވަނަ ފަހަރަށް މި ކެޓަގަރީއަށް ނޮމިނޭޓްވެފައެވެ.


