ހިމަބިހީގެ އިތުރު ކޭސްއެއް ނުފެނި ހަފްތާއެއް ފަހުން، މިދިޔަ ހަފްތާގައި ތިން މީހަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު އާންމުކުރި ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ހަފުތާގައި އެ ބަލި ވަނީ، އިތުރު ތިން މީހަކަށް ޖެހިފައެވެ. އެއާއެކު، މި އަހަރުގެ މިހާތަނަށް މި ވަނީ، ހިމަބިހި ޖެހުނު މީހުންގެ ޖުމުލަ އަދަދު 290 އަށް މިހާރު އަރާފައެވެ.
މި ބަލިން ރައްކާތެރިކުރުމަށް ވެކްސިން ޖެހުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. އެގޮތުން، މި އަހަރުގެ މިހާތަނަށް 17،256 މީހުންނަށް ވަނީ މީސްލްސް ވެކްސިން ޖަހާފައެވެ.
ރާއްޖޭގައި ހިމަބިހި ނައްތައިލައިފައިވަނިކޮށް، އަލުން ފެތުރެން ފެށީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭރު ކޮންމެ ހަފުތާއެކު ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވި ނަމަވެސް، މިހާރު ބަލި ޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.


