އަންނަ އަހަރަށް ލަފާކޮށް 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.
މި ބަޖެޓު ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރުއެވެ.
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މުޅި ޖުމްލަ 59،704،440،795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓަކީ މިއީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާ ބަލާއިރު 4.5 ބިލިއަން ރުފިޔާގެ ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ 64.2 ބިލިއަން ރުފިޔާއެވެ.
މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިއަން ރުފިޔާއެވެ. މި ޚަރަދުގެ ބޮޑު ބައެއް ކަމަށްވާ 42.7 ބިލިއަން ރުފިޔާ ހިމެނެނީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދުގެ ގޮތުގައެވެ. ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.
އަންނަ އަހަރު އާމްދަނީއާ ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ. މިއީ 2026 ވަނަ އަހަރާ އަޅާބަލާއިރު 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. އަދި މެދުރާސްތާގައި ދައުލަތުގެ އާމްދަނީ އިތުރުވަމުން ދާނެކަމަށް އަންދާޒާކުރެވޭއިރު، 2028 ވަނަ އަހަރު، 46.6 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު، 49.7 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަެު ޒަރީރު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓަކީ، 2040 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖައަށް ވާޞިލުވުމަށްޓަކައި އެޅޭ ބިންގަލެއް ކަމަށެވެ. އަދި މި ބަޖެޓަކީ އިޤުތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓްމަންޓްތަކަށް އިސްކަންދީގެން، ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އެކުލަވައިލާފައިވާ ބަޖެޓެއް ކަމަށެވެ.



