އަލަށް ގެދޮރު ގަތުމަށް އަދި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޭ މާލީ އެހީއަށް އިކުއިޓީގެ ގޮތުގައި 750 މިލިއަން ދޫކުރުމަށް ނިންމައި އަންނަ އަހަރު ބޯހިޔާވަހިކަމުގެ ދާއިރާއިން 3 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ޑިމާންޑާއެކ، ސަރުކާރުން އެންމެ ފަހުން ހުޅުވާލި ސްކީމްތަކަށްވެސް 58،000 އަށްވުރެ ގިނަ މީހުން ބޯހިޔާވަހިކަން ބޭނުންވެގެން ހުށައަޅާފައިއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ބަޔާން ހުށައަޅުއްވައިދެއްވަމުން ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވީ، މި ދަތިކަމަށް ދާއިމީ ނިމުމެއް ގެނައުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން އިތުރުކުރުމުގެ މަޝްރޫއުތައް ބާރަށް ކުރިއަށްދާ އަހަރަކަށް އަންނަ އަހަރުވެސް ވެގެންދާނެކަމަށެވެ.
”މިކަމަށް ހާއްސަކޮށް 3.0 ބިލިއަން ރުފިޔާ 2027 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ. މި މަޝްރޫޢިން މާލެ ސަރަޙައްދުގެ ތޮއްޖެހުމަށް ވަށާޖެހޭ ޙައްލެއް ގެނެސްދޭނެ.“ ޒަޒީރު ވިދާޅުވިއެވެ.
އަމިއްލަ ބިން އޮވެ، ގެދޮރު އިމާރާތްކުރުމަށް ދަތިވެފައިވާ ފަރާތްތަކަށްވެސް ސަރުކާރުން މާލީ އެހީ ފޯރުކޮށްދިނުމުގެ ގިނަ ޕްރޮގްރާމްތައް ދަނީ ގެންދަމުންނެވެ. އެގޮތުން އިސްލާމީ ފައިނޭނެސްގެތެރެއިން ލުއި ލޯނު ދޫކުރުމާއި، މަލީ އިދާރާރައް މެދުވެރިކޮށް ގެދޮރު ގަތުމާއި އެޅުމަށް ނަގާ ފައިނޭންޝަލް ފެސިލިޓީތަކަށް އިކުއިޓީ ދެއްކުމަށް އެހީތެރިކަން ދިނުމުގެ ޕްރޮގްރާމް ހިމެނެއެވެ.



