ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކޮށްފައިވާ ވިސާ ގޯލްޑް ކްރެޑިޓް ކާޑަކަށް ފައިސާ ނުދައްކައިގެން، ޓިކްޓޮކްގައި ”އެމްޓީޕީ“ ގެ ނަމުން މަޝްހޫރުވެފައިވާ މއ. ފޮގެޓްމީނޮޓް، ޢަބްދުﷲ ޒިޔާމްގެ މައްޗަށް އެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ބީއެމްއެލްގެ ފަރާތުން ޒިޔާމްގެ މައްޗަށް ދަޢުވާކުރީ، ކްރެޑިޓް ކާޑުގެ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާތީ، ކާޑުން ކުރި މުޢާމަލާތްތަކުގެ ފައިސާއާއި، އިންޓްރެސްޓާއި، ޖޫރިމަނާ އަދި ރިކަވަރީ ފީ ހޯދުމަށެވެ. މި މައްސަލައާ ގުޅިގެން ކޯޓުން ދަޢުވާގެ ލިޔެކިޔުންތައް ޒިޔާމަށް ރައްދުކުރި ނަމަވެސް، އޭނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުވަތަ ދިފާޢެއް ހުށަހަޅާފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ނިންމާފައިވަނީ ޒިޔާމްގެ ޣައިރުޙާޟިރުގައެވެ.
ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކްރެޑިޓް ކާޑުގެ ޝަރުޠުތަކާއި ފީތަކަށް ޒިޔާމް އެއްބަސްވެފައިވާކަން ލިޔުންތަކުން އެނގެން އޮވެއެވެ. އަދި 28 އޮކްޓޯބަރު 2026 އާ ހަމައަށް، އިންޓްރެސްޓާއި ޖޫރިމަނާއާއެކު އޭނާ ދައްކަންޖެހޭ ފައިސާގެ ޢަދަދު ވަނީ 8,536.21 އެމެރިކާ ޑޮލަރަށް (ގާތްގަނޑަކަށް 1.3 ލައްކަ ރުފިޔާ) އަރާފައެވެ. މީގެއިތުރުން ރިކަވަރީ ފީގެ ގޮތުގައި 5,000 ރުފިޔާ ނަގައިދިނުމަށް ވެސް ބޭންކުން ވަނީ އެދިފައެވެ.
މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ޤާޟީ ސިނާން ޢަލީ ކުރެއްވި ޙުކުމުގައި ވަނީ، ޒިޔާމްގެ މައްޗަށް މި ދަޢުވާ ސާބިތުވާ ކަމަށް ކަނޑައަޅުއްވާފައެވެ. އަދި ކާޑަށް ދައްކަންޖެހޭ 8,536.21 އެމެރިކާ ޑޮލަރާއި، އިތުރަށް އަރަމުންދާ އިންޓްރެސްޓާއި ޖޫރިމަނާގެ އިތުރުން ރިކަވަރީ ފީއަށްވާ 5,000 ރުފިޔާ، 28 އޮކްޓޯބަރު 2026 އިން ފެށިގެން 06 މަސްދުވަހުގެ ތެރޭގައި މަހުން މަހަށް ބަހާލައިގެން ބީއެމްއެލްއަށް ދައްކައި ޚަލާސްކުރުމަށް ޒިޔާމްގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.




